ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރާނެ ކަމުގެ ޔަގީންކަން ދީފި އެެވެ.
ރައީސް ސޯލިހަށް ތާއީދު ކުރިފަންނާނުންގެ ތެރޭގައި ފިލްމީ ގިނަ ފަންނާނުންނާއި, މިއުޒިކީ ގިނަ ފަންނާނުންނާއި, ފޮޓޯގްރާފަރުންނާއި, އާޓިސްޓުން ހިމެނެ އެވެ.
މިބައްދަލުވުމުގައި ފަންނާނުންގެ ކިބައިން ރައީސް ސޯލިހް އެދިވަޑައިގަތީ އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓްލުމަށް ގިނަ ބަޔަކު ނެރެދިނުމަށް ބާރުއަޅައިދިނުމަށެވެ. ފަންނާނުން ވަނީ އެކަން ކޮށްދެއްވާނެކަމާއި, ރައީސުލްޖުމްހޫރިއްޔާއަށް ވޯޓް އިތުރުކޮށްދިނުމަށް މަސައްކަތްކޮށްދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
ފަންނާނުން ވަނީ މިހިނގާ ދައުރަކީ ދިވެހި ފަންނާނުންގެ ކުރިއެރުމާއި, ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްދިން ދައުރެއް ކަމަށް ފާހަަގަކުރައްވާފަ އެވެ. މިދައުރުގެ ތެރޭގައި މިސަރުކާރުން ފަންނާނުންގެ ކުރިއެރުމަށް ކޮށްދިން ކަންކަމުގެ ތެރޭގައި އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހުޅުވާ ބޭނުންކުރަން ފެށުން ހިމެނެ އެވެ. ޒަމާނީ އޮލިމްޕަހުގައި ވަނީ 72 ފިލްމު ޝޯ އާއި 21 މިޔުޒިކް ޝޯ ދައްކާފަ އެވެ.
އޮލިމްޕަސް ތަރައްގީކޮށްފައިވަނީ ފަންނާނުން ޕްރެކްޓިސް ކުރެވޭނެ އިންތިޒާމުތަކާއެކު އެވެ. ޒަމާނީ އޮލިމްޕަސް ތަރައްގީކުރި ފަހުން އެތަން 1،500 އަށް ވުރެ ގިނަ ފަންނާނުން ޕްރެކްޓިސްއަށް ބޭނުންކޮށްފައިވާ ކަމަށް ގުޅޭ އިދާރާތަކުން ބުނެ އެވެ.
ފަންނުވެރިންގެ ކުރިއެރުމަށް ސަރުކާރުން ކޮށްދީފައިވާ އިތުރު މަސައްކަތްތަކުގެ ތެރޭގައި 50 އަށް ވުރެ ގިނަ ބައިނަލްއަގްވާމީ ހަރަކާތުން 400 އަށްވުރެ ގިނަ ފުރުސަތު ފަހިކޮށްދިނުން ހިމެނެ އެވެ. މީގެއިތުރުން ފަންނުވެރިންގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކަށް މާލީ އެހީތެރިކަން ވެސް ސަރުކާރުން ގެންދަނީ ފޯރުކޮށްދެމުންނެވެ.
އާޓިސްޓުންނަށްޓަކައި އާޓް ގެލެރީގެ ހިދުމަތް ފުޅާކުރައްވާ 31 އަށް ވުރެ ގިނަ މައުރަޒު މިދަރުގެ ތެރޭގައި ބާއްވާފައިވެ އެވެ. މިފުރުސަތުގެ ބޭނުން 500 އަށްވުރެ ގިނަ ފަންނުވެރިން ވަނީ ހިފާފަ އެވެ. އަދި 120,000 އަށް ވުރެ ގިނަ މީހުން ފަންނުވެރިންގެ މަސައްކަތްތައް ދެކިލަން ޒިޔާރަތް ކުރި ކަމަށް ކަމާ ގުޅޭ އިދާރާތަކުން ބުނެ އެވެ.
ފަންނާނުންގެ ކުރިއެރުމަށް ފަންނުވެރިންގެ ދާއިރާއަށް ހާއްސަކޮށްގެން ކުރިއަށް އޮތް ދައުރަށްވެސް ރައީސް ސޯލިހް ވަނީ މެނިފެސްޓޯގައި ކަންތައްތަކެއް ހިމަނުއްވާފަ އެވެ. މީގެތެރެއިން އެންމެ މުހިއްމު ކަމަކީ އިންޓަނޭޝަނަލް ޕްރޮޕަޓީ (ފަންނާނުންގެ ފިކުރީ މުދާ) ހިމާޔަތްކުރުމުގެ އާ ގާނޫނެއް ވުޖޫދުކުރުމެވެ. އަދި މުޅި ރާއްޖޭގައި ފަންނާނުން މަސައްކަތްކުރާނެ މާހައުލެއް ގާއިމުކުރުމާއި, ދުނިޔޭގެ ފެންވަރުގައި ފަންނާނުންގެ ހުނަރު ދައްކާލައި ކުރިއެރުމުގެ ފުރުސަތު ފަހިކޮށްދިނުންވެސް ހިމެނެ އެވެ. މާލީ އެހީތެރިކަން ފޯރުކޮށްދީގެން ފަންނާނުންނަށް ފުރުސަތުތައް ހުޅުވާލުމަކީ މެނިފެސްޓޯގައި ހިމަނާފައިވާ ވައުދެކެވެ.