އެމްޑީޕީ

ދޮގު ފަތުރައިގެން ނަތީޖާއަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށް ތުހުމަތުކޮށްފި

ދޮގު ވާހަކަތައް ފަތުރައިގެން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފައްދައިގެން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް އިދިކޮޅު ފަރާތްތަކުން ރާވަމުންދާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕޭން ޓީމުން ތުހުމަތުކޮށްފި އެވެ.

ރައީސްގެ ކެމްޕޭން ޓީމުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލާ ވަގުތު ކުޑަތަންވެފައި ވަނިކޮށް ދޮގު ހަބަރުން ކެމްޕޭނެއް ހިންގައި އޭގެތެރެއިން އަސްލެއް ނެތް ދޮގުތަކެއް ފަތުރަން އިދިކޮޅު ފަރާތްތަކުން އުޅޭ ކަމަށެވެ.

އެމީހުންގެ ބޭނުމަކީ ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފައްދައިގެން ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުން ކަމަށްވެސް ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.

"އިދިކޮޅު ފަރާތްތަކުން [އެކަންކަން] ރާވަމުންދާ ކަމީ އެމްޑީޕީއާއި އަދާލަތު ޕާޓީއާއި އަދި އުފާވެރި އަމާން ރާއްޖެ ކެމްޕޭނުގެ އެންމެހާ ބައިވެރިން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. އަދި މިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމެކެވެ،" ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައިވެސް އިދިކޮޅު ފަރާތްތަކުން ރާވައިގެން ބޮޑެތި ދޮގުތައް ފަތުރައިގެން އެންޓި ކެމްޕޭންކޮށް ހަގީގަތް އޮޅުވާލައިގެން ވޯޓު ހޯދަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ގައުމުގެ މުސްތަގުބަލް ކަނޑައަޅާ މިފަދަ މުހިއްމު ވަގުތެއްގައި ރާވައިގެން ހަގީގަތެއް ނެތް ދޮގުފަތުރާ ދޮގުގެ ޒަރީއާއިން އިންތިހާބު ވަގަށް ނަގަން މަސައްކަތް ކުރުމަކީ ވަރަށް ދަަށު ދަރަޖައިގެ ފިނޑި އަމަލެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާވާއިގެން ހިންގާ ދޮގުތައް ފަތުރައިގެން ކުރާ ކެމްޕޭނުތަކުގެ ސަބަބުން ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވެ ރައްޔިތުންގެ ބާރުވެރިކަން ގެއްލި އަނދިރި ނުރައްކާަތެރި ބާރުތަކުގެ އަތްމައްޗަށް ގައުމުގެ ލަގަން ފުރޮޅިގެން ހިނގައިދާނެ ކަމަށެވެ. އެހެންކަމުން ރާވައިގެން ހިންގާ މިފަދަ ބޮޑެތި ދޮގުތަކާ މެދު ރައްޔިތުން ހޭލާތިބުމަށާއި މިފަދަ ދޮގުވެރި ވާހަކަތަކަށް ނުހެއްލުމަށްވެސް އިލްތިމާސް ކޮށްފައިވެ އެވެ.