އެމްޑީޕީ

މުއިއްޒުގެ ވެރިކަމުގައި ބާރު ހިންގާނީ ގޭންގުތައް: ސަލީމު

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ވެރިކަމުގެ ނިޒާމުގެ ތެރޭގައި އިސް މަގާމުތަކުގައި އުޅޭނީ ގޭންގުތަކުން ބޭނުންވާ މީހުން ކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރުގެ ރަނިންމޭޓް އަހްމަދު ސަލީމު (މާޒު ސަލީމު) ވިދާޅުވެއްޖެ އެވެ.

އުމަރު ނަސީރު ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށް ނިންމަވާފަ އެވެ. ނަމަވެސް ސަލީމު މިއަދު ވަނީ ރައީސް ސޯލިހްގެ ކެމްޕޭން ޓީމާ ގުޅިވަޑައިގެންފަ އެވެ.

ރައީސް ސޯލިހްގެ ކެމްޕޭން ޓީމުން މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމު ވިދާޅުވީ އޭނާ ކުރިއަށް އޮތް ދުވަސްތަކުގައި ސިޔާސީ މަސައްކަތް ކުރައްވާނީ ރައީސް ސޯލިހާއި އެމްޑީޕީއާ އެކު ކަމަށެވެ.

މާޒް ވިދާޅުވީ ރައީސް ސޯލިހްގެ ކެމްޕޭނާ އޭނާ ގުޅިވަޑައިގަތީ ވަޒީފާއެއްގެ ބޭނުމުގައި ނޫން ކަމަށެވެ. ރައީސްއާ ގުޅިވަޑައިގަތުމުގެ ހަމައެކަނި ބޭނުމަކީ ޕީޕީއެމް ޕީއެންސީގެ ސަރުކާރެއްގައި އަލުން އަނިޔާވެރިކަން އިއާދަވެދާނެތީ އެކަމުން ދިވެހިން ސަލާމަތް ކުރުން ކަމުގައިވެސް ވިދާޅުވި އެވެ.

"ރައީސް ސޯލިހްގެ މިފަސް އަހަރު އެއްވެސް މީހަކަށް ސިޔާސީ ގޮތުން އަނިޔާއެއްދީ ޖަލަށް ލާފައެއް ނުވޭ،" ސަލީމު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ސަލީމު ވިދާޅުވީ ޔާމީންގެ ވެރިކަމުގައި އޭރު ސިޔާސީ ގޮތުން ތިއްބެވި އިސް ހުރިހާ ލީޑަރުން ޖަލަށްލި ކަމަށެވެ. އެހެންކަމުން އެފަދަ އަނިޔާވެރި ވެރިކަމެއް އެނބުރި އައުމަށް ނޭދޭތީ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ހޮވުމަށްޓަކައި ކުރަންޖެހޭ ކަމެއް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ވެރިކަމުގެ ތެރެއަށް ޑްރަގުގެ ގޭންގުތަކެއް ހޯރަ އަޅަމުން އެބަދޭ. ވެރިކަމުގެ ނިޒާމުގެ ތެރެއަށް ޑްރަގުގެ ގޭންގުތައް އައިސް ފައި ހިއްޕާލާނެތީ އަޅުގަނޑު މިތަނަށް އައީ،" ސަލީމު ވިދާޅުވި އެވެ.

ސަލީމު ތުހުމަތު ކުރެއްވި ގޮތުގައި އިދިކޮޅު ކެމްޕޭނަށް ހަރަދުވެސް ކުރަނީ ގޭންގުތަކެކެވެ. ނަމަވެސް ރައީސް ސޯލިހަކީ ގޭންގުތަކުގެ ކިބައިން ގައުމު ސަލާމަތް ކުރައްވާނެ ލީޑަރު ކަމުގައިވެސް ވިދާޅުވި އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާތީ ސަލީމު ވަނީ އެކަމަށްވެސް ރައްދު ދެއްވާފަ އެވެ. އެގޮތުން ސަލީމު ވިދާޅުވީ ގައުމުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ތިއްބެވި ރާއްޖޭގައި ބޭރުގެ ސިފައިން ނެތް ކަމަށް ވިދާޅުވެފައިވާ ކަމަށާއި އެބޭފުޅުންނަށް އިތުބާރު ކުރައްވައި އެ ވާހަކަ ގަބޫލުކުރަންޖެހޭ ކަމަށެވެ.