ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ކެމްޕޭން ނިންމަން ހިނގާފައި ގޮސް އުސްފަސްގަނޑަށް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭން ނިންމުމަށް ހިނގާލުމަކާއި ހާއްސަ ހަރަކާތެއް އުސްފަނޑުގައި ބޭއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕޭން ޓީމުން ނިންމައިފި އެވެ.

ރައީސް ސޯލިހްގެ ކެމްޕޭން ނިންމާލުމުގެ ހަރަކާތްތައް މިއަދު ހަވީރު 4:00 ޖަހާއިރު ފަށާނީ ސޯޝަލް ސެންޓަރު ކައިރިން ފަށާ ހިނގާލުމަކުންނެވެ.

މި ހިނގާލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަޖީދީ މަގުން އިރަށް ޖަނަވަރީ މަގާ ހަމައަށް އެ މަގުން ދެކުނަށް އަދި ހިތިގަސް މަގުން އިރަށް ގޮސް މޫން ލައިޓް ހިނގުމުން ދެކުނަށް ގޮސް އުސްފަސްގަނޑަށެވެ.

ކެމްޕޭން ނިންމާލުމަށް ބާއްވާ ހަރަކާތުގައި ބައިވެރިވެވަޑައިގެން ރައީސް ސޯލިހް ވާހަކަދައްކަވާނެ އެވެ.

ކެމްޕޭން ނިންމާލުމަށް އެންމެ ފަހު ކަމަކަށް އޮންނާނީ ހާއްސަ ދުއާއެއް ކުރުން ކަމަށް ރައީސްގެ ކެމްޕޭން ޓީމުން ބުނެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕޭން ނިންމުމުގެ ހަރަކާތްވެސް ރައީސް ސޯލިހް ބޭއްވީ އުސްފަސްގަނޑުގަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހްގެ ކެމްޕޭން ހަރަކާތްތައް އަމާޒުކުރެއްވީ މާލެ އަށެވެ. އެމަނިކުފާނު ވަނީ މާލޭގައި ކެމްޕޭން ރެލީތައް ބޭއްވުމާއި އަދި ދޮރުން ދޮރަށްވެސް ހިންގަވާފަ އެވެ.

މީގެއިތުރުން ފަހު ވަގުތު އައްޑޫ ސިޓީއާއި ފުވައްމުލަށް އަދި ތިނަދޫއަށް ވަޑައިގެން ކެމްޕޭން ޓީމުތަކާ ބައްދަލުކުރެއްވި އެވެ.