ރިޔާސީ އިންތިހާބު 2023

އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ތައްޔާރުވެއްޖެ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ތައްޔާރުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށޭނީ މިއަދު ހެނދުނު 8:00 ގައެވެ. ވޯޓުލުން ކުރިއަށް ދާނީ ހަވީރު 5:00ގެ ނިޔަލަށެވެ. ފޮށިތައް ބަންދުކުރާތާ 30 މިނެޓު ފަހުން ވޯޓު ގުނަން ފަށާނެ އެވެ.

ފޮށި ބަހައްޓާ ގައުމުތަކުގައި ވޯޓުލާ ގަޑިތައް

އިންޑިޔާގެ ޓްރިވެންޑްރަމް - ހެނދުނު 8:30
ސްރީލަންކާގެ ކޮލަމްބޯ - ހެނދުނު 8:30
މެލޭޝިއާގެ ކުއަލަލަމްޕޫރު - ހެނދުނު 11:00
އިނގިރޭސިވިލާތުގެ ލަންޑަން - ހެނދުނު 8:30
ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ އަބޫދާބީ - ހެނދުނު 8:00


މިއިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 282،804 މީހުންނަށް ލިބޭއިރު މީގެ ތެރޭގައި 144،410 ފިރިހެނުންނާއި 138،394 އަންހެނުން ހިމެނެ އެވެ. އިންތިހާބުގެ ދެވަނަ ބުރުގައި މުޅިން އަލަށް 408 މީހުން ވޯޓުލާނެ އެވެ.

ވޯޓުލުން ފެށުމަށްޓަކައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިހާރު ވަނީ ވޯޓުލާ ހުރިހާ މަރުކަޒަކަށްވެސް ވޯޓު ފޮށްޓާއި ކަމާ ގުޅޭ ސާމާނާ އަދި އޮފިޝަލުންވެސް ފޮނުވާފަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ދެ ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ.