ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި އެވެ.
ވޯޓުލުން ފެށުމަށް ހަމަޖެހިފައިވާ ގަޑީގައި -- ހެނދުނު 8:00 ޖެހިއިރު ރާއްޖޭގައި ހުރި ވޯޓުލާ ގިނަ މަރުކަޒުތަކެއްގައި ވޯޓުލުން ވަނީ ފެށިފަ އެވެ.
ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ހަވީރު 5:00 ޖެހުމާ އަށެވެ. ވޯޓު ގުނަން ހަމަޖެހިފައިވަނީ ފޮށި ބަންދުކުރާތާ ގާތްގަނޑަށް 30 މިނެޓް ފަހުންނެވެ.
ވޯޓުލުމަށްޓަކައި ގިނަ މަރުކަޒުތަކެއްގެ ބޭރުގައި މިހާރު ވަނީ ކިޔު ހަދާފަ އެވެ. ވޯޓުލުމަށް ބައެއް މީހުން ވަނީ ހެނދުނު 7:15 ހާއިރު ވޯޓުލާ މަރުކަޒުގެ ބޭރުގައި ކިޔު ހަދާފަ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 574 ވޯޓު ފޮށި ބެހެއްޓި އެވެ. ނަމަވެސް ދެވަނަ ބުރުގައި އިތުރު 12 ފޮށްޓާ އެކު ޖުމްލަ 586 ފޮށި ބަހައްޓާނެ އެވެ. އެއީ މާލެ ސަރަހައްދުގައި 187 ފޮށި، އަތޮޅުތަކުގައި 319 ފޮށި، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖޭން ބޭރުގައި 9 ފޮށި، ޖަލުތަކުގައި 5 ފޮށި، އަދި ސިނާއީ ސަރަހައްދެއްގައި އެއް ފޮށްޓެވެ.
މިއިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 282،804 މީހުންނަށް ލިބޭއިރު މީގެ ތެރޭގައި 144،410 ފިރިހެނުންނާއި 138،394 އަންހެނުން ހިމެނެ އެވެ. އިންތިހާބުގެ ދެވަނަ ބުރުގައި މުޅިން އަލަށް 408 މީހުން ވޯޓުލާނެ އެވެ.
ވޯޓުލުން ފެށުމަށްޓަކައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިހާރު ވަނީ ވޯޓުލާ ހުރިހާ މަރުކަޒަކަށްވެސް ވޯޓު ފޮށްޓާއި ކަމާ ގުޅޭ ސާމާނާ އަދި އޮފިޝަލުންވެސް ފޮނުވާފަ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ދެ ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ.