ރިޔާސީ އިންތިހާބު 2023

ވޯޓުލުން ނުފެށެނީ ޔޫއޭއީ އާއި އިނގިރޭސިވިލާތުގައި

ޔޫއޭއީ އާއި އިނގިރޭސިވިލާތް ފިޔަވައި އެހެން ހުރިހާ ތަނެއްގައި ވޯޓުލުން ފެށިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާއިރު ރާއްޖެއިން ބޭރުގެ ފަސް ގައުމެއްގައި ވަނީ ވޯޓުފޮށި ބަހައްޓާފަ އެވެ.

ޔޫއޭއީ އާއި އިނގިރޭސިވިލާތުގެ އިތުރުން ވޯޓު ފޮށި ބަހައްޓާފައިވަނީ އިންޑިއާ އާއި ސްރީލަންކާ އަދި މެލޭޝިއާގަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8:00 ގައެވެ. ވޯޓުލުން ކުރިއަށް ދާނީ ހަވީރު 5:00ގެ ނިޔަލަށެވެ. ފޮށިތައް ބަންދުކުރާތާ 30 މިނެޓު ފަހުން ވޯޓު ގުނަން ފަށާނެ އެވެ.

މި އިންތިހާބުގައި ޖުމްލަ 586 ވޯޓުފޮށި ވަނީ ބަހައްޓާފަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ދެ ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ.