ފައިސަލް ނަސީމް

ރައްޔިތުން ނިންމާ ގޮތް ބަލައިގަންނާނަން: ފައިސަލް

ރިޔާސީ އިންތިހާބުގައި މިއަދު ރައްޔިތުން ކޮންމެ ގޮތެއް ނިންމި ނަމަވެސް އެ ގޮތް ބަލައިގަންނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފައިސަލް ވިދާޅުވީ ރައްޔިތުން ނިންމާ ގޮތް ބަލައިގަންނަން ޖެހޭނެ ކަމަށާއި، ހުރިހާ ރައްޔިތުން އެއް ކެންޑިޑޭޓަކަށް ވޯޓު ލާނެ ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެއް ފަސް އަހަރަށް ވުރެ އަނެއް ފަސް އަހަރު ރަނގަޅު ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، އެމަނިކުފާނު ހުންނަވާނީ ރައްޔިތުން ނިންމަވާ ގޮތެއް ގަބޫލުކުރައްވައިގެން ކަމަށެވެ. ކޮންމެ ކެންޑިޑޭޓަކު ހޮވުނު ނަމަވެސް ގައުމަށް ތަރައްގީ ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް ޔަގީންކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

"މެޖޯރިޓީ ނިންމަވާ ގޮތް ބަލައިގަންނަން ޖެހޭ، އަޅުގަނޑު ހުންނަވާނީ ހަމަ ރައްޔިތުން ނިންމަވާ ގޮތަކަށް" އެމަނިކުފާނު ވިދާޅުވި އެވެ.

ވޯޓު ލުމުގެ ހައްގަކީ 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތެއްގެ ވެސް ހައްގެއް ކަމަށާއި އެ ހައްގުގެ ބޭނުންް ހިފުމަށްވެސް ނައިބް ރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

އެމަނިކުފާނު ވިދާޅުވީ ދެވަނަ ދައުރެއް ލިބުމަކީ ކޮންމެހެން ވާޖިބު ކަމެއްގެ ގޮތުގައި އެމަނިކުފާނު ނުދެކޭ ކަމަށް ކަމަށެވެ. ނަމަވެސް ކަންކަން ރަނގަޅު ކުރުމަށް ދެވަނަ ފުރުސަތެއް ލިބިއްޖެނަމަ އޭގެ ބޭނުން ކޮންމެ ބޭފުޅަކުވެސް ރަނގަޅު ގޮތުގައި ހިފާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ފައިސަލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް އަދިވެސް ޝައުގުވެރިވާ ކަމަށާއި، އަދި އެމަނިކުފާނަށް ކުރެވިދާނެ ބައިވަރު އެހެން ކަންކަންވެސް އެބަހުރި ކަމަށެވެ.

"އަދިވެސް މި މަގާމަށް ޝައުގުވެރިކަން ހުރޭ. ގަބޫލުކުރަން އަދިވެސް އަޅުގަނޑަށް ކުރެވިދާނެ ބައިވަރު ކަންކަން އެބަހުރި ކަމަށް. ރައްޔިތުން ނިންމި ކޮންމެ ގޮތަކަށް އަޅުގަނޑު އިހްތިރާމް ކުރާނަން،" ފައިސަލް ވިދާޅުވި އެވެ.