ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވެ ވޯޓ ފޮށިތައް ބަންދުކުރަން ފަށައިފި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 އިރު އެވެ. ހަވީރު ފަހެއް ޖެހުމާއެކު ވޯޓުލުމަށް ހަމަޖެހިފައިވާ ވަގުތު ހަމަވެ ވޯޓު ފޮށިތައް މިހާރު ދަނީ ބަންދު ކުރަމުންނެވެ.
ވަގުތު ހަމަވެ ކިއު ބަންދު ކުރި އިރު ކިއުގައި ތިބި މީހުންނަށް ވޯޓުލެވޭނެ އެވެ. ވޯޓުލުމަށް އިތުރަށް ވަގުތު ނުދޭނެ ކަމަށް އީސީން ބުނެފައިވެ އެވެ.
ވޯޓު ގުނަން ހަމަޖެހިފައިވަނީ ފޮށި ބަންދުކުރާތާ ގާތްގަނޑަށް 30 މިނެޓް ފަހުންނެވެ.
ދެވަނަ ބުރުގެ ވޯޓުލުމަށް ވަގުތު ހަމަވި އިރު އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 78.3 ޕަސަންޓު މީހުން ވަނީ ހަވީރު 4:00 އާ ހަމައަށް ވޯޓުލާފަ އެވެ. އެއީ ޖުމްލަ 221،496 މީހުންނެވެ. އޭގެ ތެރޭގައި ވޯޓުލާފައިވަނީ 111،273 އަންހެނުންނާއި، 110،223 ފިރިހެނުންނެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 574 ވޯޓު ފޮށި ބެހެއްޓި އެވެ. ނަމަވެސް ދެވަނަ ބުރުގައި އިތުރު 12 ފޮށްޓާ އެކު ޖުމްލަ 586 ފޮށި ބަހައްޓާފައިވެ އެވެ. އެއީ މާލެ ސަރަހައްދުގައި 187 ފޮށި، އަތޮޅުތަކުގައި 319 ފޮށި، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖޭން ބޭރުގައި 9 ފޮށި، ޖަލުތަކުގައި 5 ފޮށި، އަދި ސިނާއީ ސަރަހައްދެއްގައި އެއް ފޮށްޓެވެ.
މިއިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 282،804 މީހުންނަށް ލިބޭއިރު މީގެ ތެރޭގައި 144،410 ފިރިހެނުންނާއި 138،394 އަންހެނުން ހިމެނެ އެވެ. އިންތިހާބުގެ ދެވަނަ ބުރުގައި މުޅިން އަލަށް 408 މީހުން ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ދެ ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ.