އިމްރާން އަބްދުﷲ

އިމްރާން، މުއިއްޒުއަށް ގުޅުއްވައި ނަސޭހަތް ދެއްވައިފި

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގުޅުއްވައި މުއިއްޒަށް ނަސޭހަތް ދެއްވައިފި އެވެ.

މުއިއްޒުގެ ސިޔާސީ ހަޔާތްޕުޅު ފެއްޓެވީ އަދާލަތު ޕާޓީންނެވެ. ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ޑރ. މުއިއްޒު ފުރަތަމަ ފަހަރަށް ވަޒީރުކަން ކުރެއްވީވެސް އަދާލަތު ޕާޓީގެ މެންބަރެއްގެ ގޮތުގައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މުއިއްޒު ކާމިޔާބު ކުރެއްވީ 126،842 ވޯޓު ހޯއްދަވައިގެންނެވެ. އެއީ ވޯޓުލީ މީހުންގެ 53.9 ޕަސަންޓެވެ.

ޑރ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް ގުޅުއްވި ކަމަށް އިމްރާން ހާމަކުރެއްވީ ކުރެއްވި ޓްވީޓެއް ގައެވެ.

އިމްރާންގެ ޓްވީޓްގައި ވިދާޅުވީ އިއްޔެގެ އިންތިހާބުގައި ދިވެހިން ގޮތް ނިންމައިފި ކަމަށެވެ. އެހެންވެ މުއިއްޒުއަށް ގުޅުއްވާ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައިވާނެ ކަމަށެވެ.

އިމްރާން އޭގެފަހުން ވިދާޅުވީ މުއިއްޒުއަށް ހެޔޮ ނަސޭހަތެއް ދެއްވި ކަމަށެވެ.

"މި ހަލަބޮލި ދުވަސްވަރު ވެރިކަންކުރުމަކީ ފަސޭހަކަމެއް ކަމަށް ނުފެންނާތީ ހެޔޮގޮތުގައި ސާަބިތުވެ ހުންނެވުމަށް ނަސޭހަތްތެރިވިން،" މުއިއްޒުއަށް ދެއްވި ހެޔޮ ނަސޭހަތް ހިއްސާކުރައްވާ އިމްރާން ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އިމްރާން ވަނީ މުއިއްޒުއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ހައްޔަރުކޮށް އަނިޔާވެރިވާނެ ކަމަށް ބުނާ މީހުންގެ ލިސްޓެއް އެކުލަވާލާފައިވާ ކަމަށް ވިދާޅުވެ މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.