ހަބަރު

ސަރުކާރުން ޝަރީއަތަށް ނުފޫޒު ފޯރުވާ ކަމަށް ޝައްކު ކުރެވޭ: އަނާރާ

މިހާރު ސަރުކާރުން ނެރެމުންދާ ބަޔާންތަކާއި ދައްކަމުންދާ ވާހަކަތައް ބަލާއިރު ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުމަވުންދާ ކަމަށް ޝައްކު ކުރެވޭ ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީން އާޓިފިޝަލް ބީޗުގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން އަނާރާ ވިދާޅުވީ އަބަދުވެސް ދެކެެވެނީ އަދުލު އިންސާފުގެ ދާއިރާ އަށް އެހެން ދާއިރާތަކުން ނުފޫޒު ފޯރުވާ ވާހަކަ ކަމަށެވެ. އަދި ހާއްސަކޮށް ވެރިކަމުގެ ބާރުން އަދުލު އިންސާފުގެ ދާއިރާ އަށް ނުފޫޒު ފޯރުވާ ކަމަށް ޝައްކުކުރެވޭ ކަމަށް އަނާރާ ވިދާޅުވި އެވެ.

އަނާރާ ވިދާޅުވީ ރާއްޖޭގައި އަދުލު އިންސާފު ގާއިމްކުރަން ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކުރަން ޖެހޭނެ ކަމަށެވެ. އަދި ތިން ބާރު އެކުލެވޭ ނިޒާމެއް ރާއްޖޭގައި ގާއިމް ކޮށްފައި އޮންނައިރު ރައްޔިތުން އެކަމަށް ވަކާލާތު ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އަނާރާގެ ވާހަކައިގައި ގާނޫނު ތަކަށް މި ސަރުކާރުން ބަދަލު ގެންނަކަން ފާހަގަ ކުރެއްވި އެވެ.

"ގާނޫނޫތަކަށް ބަދަލުތައް އެބަ ގެނޭ. ކުރީގައި ވަރަށް ރަނގަޅު ނިޒާމްތަކެއް ގާއިމްވެފައި އެބަހުރި ގާނޫނު ތަކުގެ ތެރެއިން. އެހުރިހާ ކަންތައްތަކުގެ ތެރެއަށް އެބަގެނޭ މަޖިލިސް މެދުވެރިކޮށް. ރައްޔިތުން މަޖިލީހުގައި މެޖޯރިޓީ އޮތީ ސަރުކާރުގެ އަތުގައި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ މީގެ 30 އަހަރު ކުރިއެއް ނޫން. ހިޔާލު ފާޅު ނުކޮށެއް ނުތިބޭނެ. ކޮންމެ އަދަބެއް ދިނަސް އެމީހެއްގެ ހިޔާލު އެމީހުން ފާޅުކުރާނެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ރައްޔިތުން ބޭނުންކުރާނެ. ލިބިފައި ވަނީ ހަމައެކަނި ވޯޓު ލިބުމުގެ ހައްގެއް ނޫން. ކަމެއް ގޯސްކޮށް ދަންޏާ އެކަމާއި ދެކޮޅަށް ހިޔާލު ފާޅުކުރުމުގެ ހައްގު ލިބިގެންވޭ. ހިޔާލު ވެސް ފާޅުކުރާނެ." އަނާރާ ވިދާޅުވި އެވެ.

އަނާރާ ވިދާޅުވީ ރާއްޖެ ދުށް އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލު ހިނގީ ސަރުކާރުގެ ތެރެއިން ކަމަށާއި އެކަމުގައި އެއްވެސް ވަރަކަށް އިދިކޮޅު ފަރާތެއްގެ އަތެއް ނެތް ކަމަށެވެ. އަދި ހުރިހާ ރައްޔިތުން ގުޅިގެން ރާއްޖެއިން ކޮރަޕްޝަން ނައްތާލަން ޖެހޭ ކަމަށްވެސް އަނާރާ ވިދާޅުވި އެވެ.