ރައްޔިތުންގެ މަޖިލިސް

ކޯރަމް ނުލިބުމުން މަޖިލިސް ނިންމާލައިފި

ކޯރަމް ހަމަނުވުމާ ގުޅިގެން މިއަދު ބާއްވަން އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުގައި އިންނެވި ޖަލްސާ ނިންމާލީ މެންބަރުން ހަމަވޭތޯ އިރުކޮޅަކު ބެލުމަށްފަހު އެވެ.

ހެނދުނު 9:00 ޖެހިއިރު ރިޔާސަތުގައި ނަޝީދު އިންނެވި އެވެ. ނަމަވެސް ޖަލްސާ ނިންމާލިއިރު ތިއްބެވީ 15 މެންބަރުންނެވެ.

"އަަޅުގަނޑަށް މަޖުބޫރު މިވަނީ މިއަދުގެ މަޖިލިސް ބައްދަލުވުން ނޯންނާނެ ކަމަށް އަންގައި އިއުލާނުކުރުން،" ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން އިސްކަންދީގެން ނިންމަން މަސައްކަތް ކުރަމުންދާ ބިލްތަކުގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަލުން އެކުލަވާލުމުގެ ބިލާއި މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރު ނުވާ ގޮތް ހެދުމަށް ހުށަަހަޅާފައިވާ ބިލް ހިމެނެ އެވެ.

މީގެއިތުރުން ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް މިމަހުގެ 30ގެ ކުރިން ވޯޓެއް ނެގުމަށް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މިވޯޓާ ގުޅިގެން ގާނޫނުއަސާސީގެ ބައެއް މާއްދާތައް އިސްލާހުކުރާނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން އޮންނަ އޮތުމަށް އިސްތިސްނާއެއް ލުމަށްވެސް ދަ ޑިމޮކްރެޓްސް އިން މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ. މިއިސްލާހުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންގެ ހިޔާލު ހޯދުމަށް އޮންނަ އޮތުން މަޖިލީހުން ބޭނުންވާނަމަ މަޖިލީހުންވެސް އެކަން ކޮށްލެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމެވެ.