އެޗްއާރްސީއެމް

ބާތިލް ވޯޓު މަދުކުރަން އެޗްއާރްސީއެމްގެ ތަފާތު ހުށަހެޅުމެއް

ރިޔާސީ އިންތިހާބުގައި ބާތިލް ވޯޓު ގިނަވާން މެދުވެރިވީ ހަދާފައި ހުރި އުސޫލުތަކުގައި ހުރި މައްސަލަތަކެއްގެ ސަބަބުން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއމް) އިން ބުނެފި އެވެ.

އިންތިހާބު އޮބްޒާވް ކުރުމަށްފަހު އެޗްއާރްސީއެމް އިން ރޭ ބޭއްވި ނޫސްވެެރިންގެ ބައްދަލްވުމުގައި އެ ކޮމިޝަނުގެ މެންބަރު އައިމިނަތު ޝިފާއަތު އަބްދުއްރައްޒާގު ވިދާޅުވީ މިއިންތިހާބުގައި ބާތިލް ވޯޓް ގިނަވުމަކީ ކޮމިޝަންގެ ކަންބޮޑުވުމެއް ކަމަށެވެ. އެގޮތަށް މެދުވެރިވީ ހަދާފައިވާ އުސޫލުތަކުގެ ސަބަބުން ކަމަށެވެ.

"ވޯޓު ބާތިލްވުމުގެ ބައިވަރު ސަބަބުތަކެއް އެބަހުރި. މިސާލަކަށް އެ ސިސްޓަމާ ދޭތެރޭ، ނޫނީ ނިޒާމާ ދޭތެރޭގައި އިތުބާރު ނެތުން މީހުންގެ" އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލީ މީހުންގެ ތިން ޕަސަންޓް ވޯޓަކީ ބާތިލް ވޯޓެވެ.

ޝިފާއަތު ވިދާޅުވީ ބާތިލް ވޯޓް މަދުކުރުމަށްޓަކައި ވަރަށް ބައިވަރު މަސައްކަތްތަކެެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ވާދަކުރާ އެއްވެސް ކެންޑިޑޭޓަކު ކަމު ނުދާނަމަ, ކަމުދާ ކެންޑިޑޭޓަކު ނެތް ކަމަށް ފާހަގަލެވޭނެ ގޮޅިއެއް އޮތުން މުހިއްމު ކަމަށް ދެކޭ ކަމަށެވެ. އެކަމުގެ ސަބަބުން ބާތިލް ވޯޓު މަދުވެދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 246،915 މީހުން ވޯޓް ލާފައިވެ އެވެ. މީގެތެރެއިން 7،888 މީހުންގެ ވޯޓަކީ ބާތިލް ވޯޓެވެ.