އިލެކްޝަންސް ކޮމިޝަން

އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުން މާދަަމާ ރޭ

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ދާއިމީ ނަތީޖާ މާދަމާ ރޭ އިއުލާންކުރަން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ މިހާރު އިއުލާންކޮށް ނިމިފައިވާ ކަމަށެވެ.

އެހެންވެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8:30 ގައި އިންތިހާބާ ބެހޭ މައި މަރުކަޒު -- ދަރުބާރުގޭގައި ކަމަށްވެސް ހަބީބް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ވާދަކޮށް ކުރި ހޯއްދަވާފައިވަނީ ޑރ. މުހައްމަދު މުއިއްޒު އެވެ. އެގޮތުން އިންތިހާބީ ރައީސް މުއިއްޒަށް 126،842 ވޯޓް ލިބިވަޑައިގެންނެވިއިރު ރައީސް ސޯލިހަށް ލިބިވަޑައިގަތީ 108،500 ވޯޓެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،804 މީހަކަށް ވޯޓްލުމުގެ ހައްގު ލިބުނުއިރު ވޯޓްލީ 246،915 މީހުންނެވެ. އެއީ ވޯޓްލެވޭ އާބާދީގެ 87.31 އިންސައްތަ އެވެ. ބާތިލު ވޯޓްގެ ގޮތުގައި 7،888 ވޯޓް ގުނާފައިވެ އެވެ. ފަހުގެ ތާރީހެއްގައި އެންމެ ގިނައިން ބާތިލު ވޯޓް ގުނި އިންތިހާބަކީ ވެސް މިދިޔަ ހޮނިހިރު ދުވަހު އޮތް އިންތިހާބެވެ.