ބޭރު ކުޅިވަރު

ޔުނައިޓެޑުގެ އެންމެ ނާކާމިޔާބު ކޯޗަކަށް ވެންހާލް

މެންޗެސްޓާ ޔުނައިޓެޑުގެ އެންމެ ނާކާމިޔާބު ކޯޗަކަށް ލުއިސް ވެންހާލްވެއްޖެ އެވެ.

މި ގޯސް ރެކޯޑްގެ ވެރިއަކަށް ވެންހާލް ވެގެންދިޔައީ ޔޫރޮޕާ ލީގުގައި ރޭ ބަލިވި މެޗާއެކުގަ އެވެ.

ޔުނައިޓެޑްގެ ކޯޗުގެ ގޮތުގައި ވެންހާލް މިހާތަނަށް 83 މެޗު ކުޅުވާފައިވާއިރު 41 މެޗުން ވަނީ ބަލިވެފަ އެވެ. މިއީ ޔުނައިޓެޑުގެ ތާރީހުގައި މިހާތަނަށް ކޯޗަކު ނިސްބަތުން އެންމެ ގިނައިން ބަލިވި އަދަދެވެ. މިހެންވެ 2014 ވަނަ އަހަރު ޓީމާ ހަވާލުވެ މިހާތަނަށް 300 މިލިއަން ޕައުންޑް ކުޅުންތެރިން ގަތުމަށް ހަރަދުކޮށްފައިވާ ކޯޗު މަގާމުން ވަކިކުރަން ޔުނައިޓެޑުގެ ސަޕޯޓަރުން ވަނީ ފާޅުގައި ގޮވާލައިފަ އެވެ.

ނެދަލޭންޑްސްގެ ގައުމީ ކޯޗުކަން ދޫކޮށްލުމަށް ފަހު 64 އަހަރުގެ ވެންލާހް ޔުނައިޓެޑާ ހަވާލުވި ފަހުން އެ ޓީމުގެ ނަތީޖާތައް މި ސީޒަނުގައިވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުން ވެސް ޖާގަ ނުލިބިދާނެ ކަމަށް ބެލެވެން ފަށާފައިވާއިރު މި ސީޒަނަށް ފަހު އޭނާ މަގާމުން ވަކި ކުރުން ވެސް އެކަށީގެންވެ އެވެ.

އެހެންވެއްޖެނަމަ ޔުނައިޓެޑުގެ ކޯޗަކަށް އައުން އެންމެ ގާތީ ޗެލްސީގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ އެވެ.