ޑރ. މުހައްމަދު މުއިއްޒު

މުއިއްޒުގެ ހުށަހެޅުން އެމްޑީޕީއަށް: ޒިންމާދާރު އިދިކޮޅު ޕާޓީއަކަށް ވާތި

ވެރިކަމުގެ ދައުރު ނިމުމާ އެކު އެމްޑީޕީ ޒިންމާދާރު އިދިކޮޅު ޕާޓީއަކަށް ވުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ސަޕޯޓަރުންނަށް ޝުކުރު އަދާކުރުމަށް މިރޭ ބޭއްވި ޖަލްސާގައި މުއިއްޒު މިކަމަށް އެދިވަޑައިގެންފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު މުއިއްޒުގެ ކިބައިން ދެ ކަމަކަށް އެދިވަޑައިގެންފައި ވަނިކޮށެވެ.

ރައީސް ސޯލިހު މުއިއްޒުގެ ކިބައިން ދެ ކަމަކަށް އެދިވަޑައިގަތީ ރިޔާސީ އިންތިހާބުގެ ނަތީޖާއަށްފަހު ފުރަތަމަ ފަހަރަށް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

"އެއް ކަމަކީ ހެޔޮ ވެރިކަމެއް ކުރުން. އަނެއް ކަމަކީ ރައްޔިތުންގެ، މި ގައުމުގެ ތަރައްގީއަށްޓަކާ އަޅުގަނޑުމެން ފަށާފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންގޮސްދިނުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސްގެ އެދިވަޑައިގަތުމަށް ޖަވާބެއް ދެއްވަމުން މުއިއްޒު މިރޭ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އެމްޑީޕީއަކީ ޒިންމާދާރު އިދިކޮޅު ޕާޓީއަކަށް ވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ހަގީގަތުގައި ސަރުކާރު ޒިންމާދާރުކޮށް ޖަވާބުދާރީކުރުވުމަށް އިދިކޮޅު ޕާޓީއެއް މުހިއްމު ވާނެ. އެފަދަ ޕާޓީއަކުން ސަރުކާރަށް ފާޑުވެސް ކިޔާނެ،" މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކީ ނަމަވެސް ގައުމީ ބޮޑެތި މައްސަލަތަކުގައި ހިޔާލު އެއްގޮތް ކުރެވެންޖެހޭނެ ކަމަށެވެ. އެމްޑީޕީގެ އިސްވެރިންނާ ގާތްގުޅުންތަކެއް އޮންނަ އިނގިރޭސިވިލާތުގައި ވެސް އިދިކޮޅު ޕާޓީން މަސައްކަތް ކުރަނީ އެގޮތަށް ކަމުގައިވެސް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މިގައުމަށް ހަމަޖެހުން އަންނަން ޖެހޭ ކަމަށާއި ދިވެހިން ވެސް އެގޮތް ބޭނުންވާ ކަމަށެވެ. ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީއަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމުގައިވެސް ވިދާޅުވި އެވެ.