ރައްޔިތުންގެ މަޖިލިސް

އިންތިހާބީ ނައިބު ރައީސް ޕާޓީ ބަދަލުކުރެއްވިކަން މަޖިލީހަށް އަންގަވައިފި

އިންތިހާބީ ނައިބު ރައީސް އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީ ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި ހުސައިން މުހައްމަދު ލަތީފު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީ ޕީޕީއެމް ދޫކުރައްވާ ޕީއެންސީއަށް ގުޅިވަޑައިގަތުމަށްފަހު އެވެ.

އެކަމުގެ ލިޔެކިޔުންތައް މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"މިހާރު އިންތިހާބުވެފައިވާ ނައިބު ރައީސް ޕާޓީ ބަދަލުކުރައްވާ ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިގަތީ. (ޕާޓީ) ބަދަލުކުރައްވަމުން މަޖިލީހަށް އޮތީ ކަރުދާސް ހުށަހަޅުއްވާފަ،" ނަޝީދު މިއަދު ވިދާޅުވި އެވެ.

މީގެ އިތުރުން އެކަމުގެ ލިޔެކިޔުންތައް އިލެކްޝަންސް ކޮމިޝަނުންވެސް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މި ބަދަލާއެކު މަޖިލީހުގައި މިހާރު ތިއްބެވީ އެމްޑީޕީގެ 56 މެންބަރުންނާއި ދަ ޑިމޮކްރެޓްސްގެ 13 މެންބަރުންގެ އިތުރުން ޕީޕީއެމްގެ ހަތަރު މެންބަރުންނާއި ޕީއެންސީގެ ހަތަރު މެންބަރުންނާއި އެމްއެންޕީގެ ތިން މެންބަރުންނާއި އެމްޑީއޭގެ ދެ މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ ދެ މެންބަރުންގެ އިތުރުން ވަކި ޕާޓީއަކަށް ނިސްބަތްނުވާ ތިން މެންބަރުން ކަމަށް ނަޝީދު ވިދާޅުވި އެވެ.