ބޭރު ކުޅިވަރު

ޗެލްސީ މެޗަށްވުރެ ސިޓީ އަށް މުހިންމީ ޗެމްޕިއަންސް ލީގު

އިނގިރޭސި އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗަށްވުރެ އިސްކަންދޭނީ ޗެމްޕިއަންސް ލީގުގައި ކުޅެން ޖެހޭ މެޗުން މޮޅުވާން ކަމަށް މެންޗެސްޓާ ސިޓީން ބުނެފި އެވެ.

ކޯޗު މެނުއަލް ޕެލެގްރީނީ މިހެން ބުނީ މިފެށޭ ހަފުތާގައި މި ދެ މެޗު ވެސް ކުޅެން ޖެހުމުންނެވެ. ޗެލްސީއާ ދެކޮޅަށް އެފްއޭކަޕުގައި ކުޅެން ޖެހޭނީ މާދަމާ އެވެ. ޗެމްޕިއަންސް ލީގުގައި ޑީނަމޯ ކިއޭވާ ދެކޮޅަށް ކުޅޭނީ ބުދަ ދުވަހުގެ ރޭ ރަށުން ބޭރުގަ އެވެ.

"އަބަދުވެސް އެންމެ އިސްކަންދޭނީ ކުރިއަށް އޮންނަ މެޗަށް. އެކަމަކު ޓީމުގެ ގިނަ އިންޖަރީތަކަކާހުރެ މި ފަހަރު މިކަން ބަދަލު ކުރަންޖެހޭ. އަހަރުމެންގެ އެންމެ ބޮޑު އަމާޒަކީ ޗެމްޕިއަންސް ލީގު މެޗު ކާމިޔާބުކުރުން،" ޕެލެގްރީނީ ބުންޏެވެ.

އޭނާ ބުނީ ކޮންމެ މުބާރާތެއްގައި ވެސް އެންމެ މޮޅު ޓީމު ލައްވައި ކުޅުވަން ބޭނުންވާ ކަމަށެވެ.

"އަހަރެން ބަލަނީ އެންމެ މޮޅު ޓީމު ހުރިހާ މެޗަކަށް ވެސް ނެރެން. އެކަމަކު މިހާރު އިންޖަރީގައ ތިބި ކުޅުންތެރިން ނުލައި ޗެމްޕިއަންސް ލީގު މެޗުގައި ކުޅެވޭވަރަށް ފިޓްކޮށްތިބީ 13 ކުޅުންތެރިން. މިހެންވީމަ އާދީއްތަ ދުވަހުގެ މެޗަށް ޓީމަށް ބަދަލު ގެންނަންޖެހޭ. ކޮންމެ ގޮތެއްވިޔަސް އިސްކަން މިހާރު ދޭން ޖެހިފައިވަނީ ޗެމްޕިއަންސް ލީގަށް،" ޕެލެގްރީނީ ބުންޏެވެ.