ރައްޔިތުންގެ މަޖިލިސް

ރައީސް ނަޝީދާއި މުއިއްޒު ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުވުން މިއަދު ހެނދުނު 11:00 އިރު ކުރިއަށް ދިޔައީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ގައެވެ.

މިބައްދަލުވުމުގައި އިންތިހާބީ ނައިބް ރައީސް އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފާއި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އާއި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕީޖީ ލީޑަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ މުއިއްޒުގެ ވެރިކަމުގައި ގައުމު ހަމަމަގަށް އެޅުވުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންނެެވެ.

މިބައްދަލުވުމުގައި ޑރ. މުއިއްޒު ވަނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށްޓަކައި މަޖިލީހުގެ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވާފަ އެވެ.

އިންތިހާބުގެ ނަތީޖާއަށްފަހު މިއީ ޑރ. މުއިއްޒު، ރައީސް ނަޝީދުއާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

މިބައްދަލުވުމަށްފަހު މުއިއްޒު ވަނީ މަޖިލީހުގެ އިދާރާއަށް ޒިޔާރަތް ކުރައްވާ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ. ވެރިކަން ކުރުމުގައި މަޖިލީހުގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި އެކަން ވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ފޮތުގައި ލިޔުއްވި އެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒު މިދިޔަ އާދިއްތަ ދުވަހު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާ ވެސް ބައްދަލުކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ވަނީ ނޮވެމްބަރު 17 ވަނަ ދުވަހު މުއިއްޒު ހުވާކުރެއްވުމުގެ އިންތިޒާމު ހަމަަޖައްސަމުންދާ ކަމަށް ބުނެފަ އެެވެ.