މާލޭ ސިޓީ ކައުންސިލް

މަގުތަކުގައި ދަމާފައި ހުރި ކެމްޕޭނު ދިދަތައް ނަގަން ފަށައިފި

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި މާލޭގެ މަގުތަކުގައި ދަމާފައި ހުރި ދިދަފަތިތައް މާލެސިޓީ ކައުންސިލުން ނަގަން ފަށައިފި އެވެ.

ކެމްޕޭނާ ދިމާކޮށް މާލޭގެ އެކި ސަރަހައްދުތަކުގައި ދަމާފައިވާ ދިދަފަތިތައް ނަގަން ފެށީ މިއަދު ކަމަށް މާލެސިޓީ ކައުންސިލުން ބުންޏެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަށް ކެންޑިޑޭޓުން ވާދަކުރި އެވެ. އެ އަށް ކެންޑިޑޭޓުންވެސް ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ކެމްޕޭނު ކުރުމަށް ބެނާތަކާއި ޕޯސްޓަރުތަކުގެ އިތުރަށް ދިދަފަތި ދަމާފަ އެވެ.

މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު ބައެއް މަގުތަކުގައި ދަމާފައި ހުރި ދިދަފަތިތައް ވިއްސާރައިގެ ސަބަބުން ވަނީ ކަނޑައިގެންވެސް ގޮސްފަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮތީ ސެޕްޓެމްބަރު 30 ގައި މިދިޔަ ހޮނިހިރު ދުވަހު އެވެ. ދެވަނަ ބުރުގައި ވާދަކުރެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 53.9 ޕަސަންޓް ވޯޓު ހޯއްދަވައިގެން އިންތިހާބު ކާމިޔާބު ކުރެއްވީ ޑރ. މުއިއްޒެވެ. ފުރަތަމަ ބުރުގައިވެސް އެންމެ ގިނަ ވޯޓު ހޯދާފައިވަނީ މުއިއްޒު އެވެ.