މާލޭގެ ބޮޑުތަކުރުފާނު މަގުގައި އިންދާފައި ހުރި ކަދުރު ރުއްތަކުގައި ކެމްޕޭން ބެނާތައް ހަރުނުކުރަން މާލޭ ސިޓީ ކައުންސިލުން އަންގައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ބެނާތައް ބައެއް ޕާޓީތަކުން ކަދުރު ރުއްތަަކަށް ދަމާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ރުއްތަކަށް ގެއްލުން ލިބެމުންދާ ކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.
ކެމްޕޭންގެ އެއްވެސް ބެނާއެއް ނުވަތަ ދިދަ ފައްޗެއް ކަދުރު ރުއްތަކުގައި ހަރުނުކުރުމަށް އަންގާފައިވާއިރު އުސޫލުގެ ތެރެއިން ހުއްދަ ނަގައި ހޮޅިދަނޑީގައި ބެނާ އަދި ދިދަފަތި ދެމުމަށް އެ ކައުންސިލުން ވަނީ އަންގާފަ އެވެ.
ބޮޑުތަކުރުފާނު މަގުގައި ކަދުރު ރުއް އިންދީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިންނެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރައްވާއިރު ޕާޓީތަކުގެ ދިދަފަތިތައް ވަނީ މަގުތަކުގައި ދަމާފަ އެވެ. މީގެ އިތުރުން ކެންޑިޑޭޓުންގެ ޕޯސްޓަރުތަކާއި ވައުދުތަކުގެ ޕޯސްޓަރުތައް ދަނީ މަގުތަކާއި އިމާރާތްތަކުގައި ހަރުކުރަމުންނެވެ.