ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަޅުގަނޑުގެ ތާއީދު އޮތީ ރިޔާސީ ނިޒާމަށް: ރައީސް

ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ވޯޓެއް ނަގައިދިނުމަށް ދަ ޑިމޮކްރެޓްސް އިން އެމްޑީޕީގައި އެދިފައިވާތީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ދެކޭ ގޮތް ބެލުމަށް ކުރިއަށްދާ ބައްދަލުވުމުގެ ބަހުސް ގައެވެ.

ރައީސް ވިދާޅުވީ ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގައިވެސް ރަނގަޅާއި ގޯސް އެބަހުރި ކަމަށެވެ. އޭގެފަހުގައި ރައީސް ވިދާޅުވީ ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށެވެ.

"އަޅުގަނޑު ތާއީދު އޮތީވެސް ރިޔާސީ ނިޒާމާ އެކުގައި. ނިޒާމީ ވޯޓަކަށް ގޮއްސި ކަމަށް ވަންޏާ އޭގައި ރިޔާސީ ނިޒާމު ރާއްޖޭގައި ބޭއްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތް އަޅުގަނޑު އަމަލީގޮތުން ކުރާނެ ވާހަކަވެސް މިރޭ ތިބޭފުޅުންނަށް ދަންނަވާލަން ބޭނުންވޭ،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ވަކާލާތު ކުރައްވަނީ ސިޔާސީ ލީޑަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ.

ވެރިކަމުގެ ނިޒާމެއް ކަނޑައެޅުން

ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން ވާހަކަ ދެކެވި ބަހުސް އުފެދުމުން 2007 ވަނަ އަހަރު ރާއްޖޭގައި ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ވޯޓެއް ނެގިގެން ކުރިއަށް ގެންދިޔަ އެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހިންގާން އޮންނަން ބޭނުން ވަނީ ރިޔާސީ ނިޒާމެއްތޯ، އެހެންނާ ޕާލިމެންޓްރީ / ބަރުލަމާނީ ނިޒާމެއްތޯ ކަނޑައެޅުމުގެ އެ ރެފަރެންޑަމްގައި ވޯޓް ދިނުމުގެ ހައްގު 199،841 މީހަކަށް އޮތެވެ. އޭގެ ތެރެއިން 155،890 މީހުން ވޯޓްގައި ބައިވެރިވި އެވެ.

ރެފަރެންޑަމްގައި ޕްރެޒިޑެންޝަލް / ރިޔާސީ ނިޒާމެއް އޮންނަން ފެންނަ ކަމަށް 95،619 މީހުން ވަނީ ވޯޓް ދިނެވެ. އެއީ ވޯޓްލީ މީހުންގެ 62.04 ޕަސެންޓެވެ. ޕާލަމެންޓަރީ / ބަރުލަމާނީ ނިޒާމަކަށް ތާއީދުކޮށް ވޯޓް ދީފައި ވަނީ 58،508 މީހުނެވެ. އެއީ ވޯޓްލީ މީހުންގެ 37.96 ޕަސެންޓެވެ. ބާތިލުވެގެން 1767 ވޯޓް އެއްލައިލާން ޖެހުނެވެ. ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ފެނުނީ ރާއްޖޭގައި ރިޔާސީ ނިޒާމެއް ހިންގާށެވެ.