ރައީސް މުހައްމަދު ނަޝީދު

ނިޒާމީ ވޯޓަށް ދިއުމުގެ މަސައްކަތް ނަޝީދު ހުއްޓާލައްވައިފި

ވެރިކަން ކުރަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ދަ ޑިމޮކްރެޓްސްއާ ގުޅިގެން ކުރައްވަމުން ގެންދެވި މަސައްކަތް ހުއްޓަވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރިޔާސީ ނިޒާމެއްގައި ވެރިކަން ކުރުމަށް ޑރ. މުހައްމަދު މުއިއްޒަށް ފުރުސަތު ދެއްވުމަށް ދަ ޑިމޮކްރެޓްސް އިން ނިންމާފައިވާ ކަމަށާއި އެކަން މުއިއްޒަށްވެސް ދަންނަވާފައިވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ އިއްޔެ މުއިއްޒު އާއި އެކު ބޭއްވުނު ބައްދަލުވުމުގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް އަންގައި ގަރާރެއްގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާ ކަމުގެ މައުލޫމާތު ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ.

"އެހެން ނަމަވެސް، އަޅުގަނޑުމެން ވެސް އަދި އެ ހުށަހެޅި ޑިމޮކްރެޓްސް އިން ވެސް އެދެނީ އެ މަސައްކަތް މި ވަގުތު ނުކުރުމަށް" ނަޝީދު ވިދާޅުވި އެވެ.

ބަރުލަމާނީގެ ނިޒާމު ގެނައުމަށް ދަ ޑިމޮކްރެޓްސް އިން ކުރާ މަސައްކަތް މިވަގުތަށް މަޑުޖައްސާލި ނަމަވެސް ނިޒާމު ބަދަލުކުރުމުގެ ވާހަކަ ރައްޔިތުންގެ ތެރޭގައި އަބަދުވެސް ދައްކާނެ ކަމަށް މުއިއްޒު އަށް ދެންނެވި ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. ފަހުން ނިޒާމު ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިދާނެ ކަމުގެ އިޝާރާތެއް މުއިއްޒު ކުރެއްވި ކަމަށްވެސް ވިދާޅުވި އެވެ.

މުއިއްޒުގެ ރިޔާސީ ދައުރު ފަށައި ސަރުކާރުގެ މަސައްކަތްތައް އޮމާންކަމާއި އެކު ކުރިއަށް ގެންދިއުމުގެ ފުރުސަތު ދެއްވުމަށް ނަޝީދު ވަނީ މަޖިލީހުގެ މެމްބަރުންގެ އަރިހުންވެސް އެދިވަޑައިގެންފަ އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ވަކާލާތު ކުރައްވަނީ ސިޔާސީ ލީޑަރުންގެ ތެރެއިން ނަޝީދު އެކަންޏެވެ.

ވެރިކަމުގެ ނިޒާމެއް ކަނޑައެޅުން


ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން ވާހަކަ ދެކެވި ބަހުސް އުފެދުމުން 2007 ވަނަ އަހަރު ރާއްޖޭގައި ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ވޯޓެއް ނެގިގެން ކުރިއަށް ގެންދިޔަ އެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހިންގާން އޮންނަން ބޭނުން ވަނީ ރިޔާސީ ނިޒާމެއްތޯ، އެހެންނާ ޕާލިމެންޓްރީ / ބަރުލަމާނީ ނިޒާމެއްތޯ ކަނޑައެޅުމުގެ އެ ރެފަރެންޑަމްގައި ވޯޓް ދިނުމުގެ ހައްގު 199،841 މީހަކަށް އޮތެވެ. އޭގެ ތެރެއިން 155،890 މީހުން ވޯޓްގައި ބައިވެރިވި އެވެ.

ރެފަރެންޑަމްގައި ޕްރެޒިޑެންޝަލް / ރިޔާސީ ނިޒާމެއް އޮންނަން ފެންނަ ކަމަށް 95،619 މީހުން ވަނީ ވޯޓް ދިނެވެ. އެއީ ވޯޓްލީ މީހުންގެ 62.04 ޕަސެންޓެވެ. ޕާލަމެންޓަރީ / ބަރުލަމާނީ ނިޒާމަކަށް ތާއީދުކޮށް ވޯޓް ދީފައި ވަނީ 58،508 މީހުނެވެ. އެއީ ވޯޓްލީ މީހުންގެ 37.96 ޕަސެންޓެވެ. ބާތިލުވެގެން 1767 ވޯޓް އެއްލައިލާން ޖެހުނެވެ. ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ފެނުނީ ރާއްޖޭގައި ރިޔާސީ ނިޒާމެއް ހިންގާށެވެ.