ފިނިޕޭޖް

ޖިމީ، ކިމް ކާޑޭޝިއަންއަށް ޖޯކް ޖަހައިފި

މަޝްހޫރު ޝޯ ހޯސްޓް ޖިމީ ކިމެލް އޭނާގެ ޝޯ -- "ޖިމީ ކިމެލް ލައިވް" އަންނަ ކަމަށް ބުނެ މަޖާ ޕްރޮމޯއެއް ނެރެފި އެވެ.

ލިޔުންތެރިންނާއި އެކްޓަރުންގެ އިހުތިޖާޖާ ގުޅިގެން ހުއްޓިފައިވާ މި ޝޯ މި ހަފްތާގައި އަލުން ފެށުމުގެ ކުރިން ނެރުނު ޕްރޮމޯގައި ޖިމީ ވަނީ ކިމް ކާޑޭޝިއަން އާއި ދައްތަ ކޯޓްނީ ކާޑޭޝިއަންގެ ދެމެދު ކުރިއަށްދިޔަ މަޝްހޫރު ފޯން ކޯލަކަށް ޖޯކު ޖަހައި، ކޯޓްނީގެ ބަދަލުގައި ޖިމީ، ކިމްއާ ފޯނުން ވާހަކަ ދައްކާ ގޮތަށް ހަދާފަ އެވެ.

މި ޕްރޮމޯގައި ފެންނަނީ ޖިމީ، ކިމް އަށް ގުޅާފައި އޭނާގެ ޝޯ އެނބުރި އަންނަ ކަމަށް ބުނުމުން، ކިމް ފާޑަކަށް ވާހަކަ ދައްކައި، އުފާވެއްޖެތޯ ސުވާލު ކުރާ ތަނެވެ.

ޖިމީ ޖަވާބުގައި ބުނަނީ އޭނާ ވަރަށް އުފާވިޔަސް ކިމް އުފާވާހެން ހީނުވާ ކަމަށެވެ. ދެން ޖިމީ ޝޯއާ ގުޅުންހުރި ވާހަކަތައް ދައްކަމުންގޮސް، ކިމް ހެދުމަށް މަލާމަތްކުރުމުން، ޖިމީ އޭނާގެ ސްވެޓްޝާޓް އަދި ޖީންސަށް ބަލާފައި އޭގެ މައްސަލައަކީ ކޮބައިތޯ ސުވާލުކުރެއެވެ. އަދި ކިމް މަލާމަތްކުރާ ފާޑަކަށް ބުނަނީ "90 ގެ އަހަރުތަކުގެ" ސްޓައިލަކީ އޮރިޖިނަލް ސްޓައިލެއް ނޫން ކަމަށާއި އެންމެންވެސް ބޭނުންކޮށްފައިވާ ސްޓައިލެއް ކަމަށެވެ.

ޖިމީ ވަރަށް ޑްރާމާ ބޮޑު ގޮތަކަށް ރިއެކްޓް ކުރެ އެވެ. ކިމް އެކަހަލަ ކަންކަމަށް ފާޑުކިޔާ ޗެޓް ގްރޫޕެއް އޮންނަ ވާހަކަވެސް ބުންޏެވެ. ފޯން ކޯލް ނިމޭއިރު ޖިމީ، ކިމް އަށް ޖޯކްޖަހަމުން ވިޗް އެކޭ ބުނެ އެވެ. ދެން ޖިމީގެ ޝޯގައި އުޅޭ ގިއަރްމޯ ރޮޑްރިގޭޒް ޖިމީގެ އުނގުގައި ބޯއަޅައިގެން އޮވެ، ޝޯ ފެށޭތީ ވަރަށް އުފާވާ ކަމަށާއި ޖިމީ ރީތިކަމުން ކިމް ހަސަދަވެރިވާ ކަމަށް ބުނެ އެވެ.

ޖިމީ އަކީ އޭނާގެ ޝޯގައި މި ޒާތުގެ މަޖާ ސީންތައް އާންުމޮށް ކުޅޭ ހޯސްޓެކެވެ.

ކިމް އާއި ކޯޓްނީގެ ދެމެދު ކުރިއަށްދިޔަ މި ފޯން ކޯލަކީ މިދިޔަ ބުރާސްފަތި ދުވަހު ރިލީޒްކުރި "ދަ ކާޑޭޝިއަންސް"ގެ ސީޒަން 4 ފުރަތަމަ އެޕިސޯޑްގައި ފެނުނު ފޯނު ކޯލެކެވެ. އޭގައި ކޯޓްނީގެ ކައިވެނިން ފެށިގެން ކިމްގެ އަމިއްލަ އެދުން ފެންނަ އުޅުމާމެދު ހިތްހަމަ ނުޖެހިގެން ވާހަކަ ދައްކަ އެވެ.

ހޯމަ ދުވަހުން ފެށިގެން ޖިމީގެ ޝޯއާ އެކު އެހެން ލޭޓް ނައިޓް ޝޯތައްވެސް އަލުން ފަށާނެ ކަމަށް ބުނެ ޖިމީ ފެލަން، ސެތް މާޔާސް، ސްޓީވަން ކޮލްބާ އަދި ޖޯން އޮލިވާ އިންސްތަގްރާމްގައި ޖޮއިންޓް ސްޓޭޓްމަންޓެއް ނެރެފައިވެ އެވެ.