އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވި ބޭރުގެ ފުރަތަމަ ސަފީރަކަށް ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ސަފީރު ކެރޮން ރޮސްލާ ވެވަޑައިގެންފި އެވެ.
މިބައްދަލުކުރެއްވުން މިއަދު ހެނދުނު ކުރިއަށް ގެންގޮސްފައިވަނީ މުއިއްޒުގެ އަމިއްލަ ގެކޮޅު -- މ. ދިމްޔާތު ގައެވެ.
މިބައްދަލުކުރެއްވުމުގައި މުއިއްޒުގެ އަރިހުގައި އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ތައުލީމީ ގޮތުން އަބަދުވެސް މަތީ ވަނަތަކެއް ހޯއްދަވަމުން ގެންގޮސްފައިވާ ޑރ. މުއިއްޒު ފުރަތަމަ ޑިގްރީ އާއި މާސްޓާސް ޑިގްރީ، ސްޓްރަކްޗަރަލް އިންޖިނިއަރިންގެ ދާއިރާއިން ހާސިލްކުރައްވާފައިވަނީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ލަންޑަންއިންނެވެ. އެމަނިކުފާނު ޕީއެޗްޑީ ހާސިލްކުރެއްވީ ސިވިލް އިންޖިނިއަރިންގެ ދާއިރާއިން އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ލީޑްސްއިންނެވެ.
މުއިއްޒުގެ ހާރިޖީ ސިޔާސަތު
ސަޕޯޓަރުންނަށް ޝުކުރު އަދާކުރެއްވުމަށް މިމަހުގެ ދެވަނަ ދުވަހުގެ ރޭ މުއިއްޒު ބޭއްވެވި ބައްދަލުވުމެއްގައި ވިދާޅުވީ އިންތިހާބުގެ ނަތީޖާއަށްފަހު ބޭރުގެ ސަފީރުން ބައްދަލުކުރެއްވުމަށް ހުށަހަޅުއްވަމުން ގެންދަވާ ކަމަށެވެ. އެހެންކަމުން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެ ބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމަށެވެ. މިވާހަކަފުޅުގެ ތެރެއިންވެސް އިންޑިއާގެ ނަން ވިދާޅު ނުވެ އަވަށްޓެރި ގައުމުތަކުގެ ސަފީރުންނާ ބައްދަލުކުރައްވާނެ ކަމުގައި ވިދާޅުވި އެވެ. އަދި ދިވެހިންނަށް އިހްތިރާމު ކުރާ ގައުމުތަކުގެ ސަފީރުންނާ ގާތްކަން އޮންނާނެ ކަމުގެ ޔަގީންކަން ދެއްވެވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އޭނާގެ ހާރިޖީ ސިޔާސަތުގައި އިސްކުރާނީ "ޕްރޯ-މޯލްޑިވްސް" ސިޔާސަތެވެ. އެހެން ވިދާޅުވި ވަކި ސަބަބެއް އިތުރަށް ތަފްސީލް ކޮށްދެއްވާފައެއް ނުވެ އެެވެ. ނަމަވެސް މުއިއްޒު އެހެން ވިދާޅުވީ އެމަނިކުފާނު އިންތިހާބު ކާމިޔާބުކުރެއްވުމާ އެކު އެމަނިކުފާނަކީ "ޕްރޯ-ޗައިނާ" ބޭފުޅެއް ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ސިފަކުރުމުން ކަމަށް ބެލެވެ އެވެ.
"ޕްރޯ-މޯލްޑިވްސް ސިޔާސަތަށް ތަބާވާ ހުރިހާ ގައުމަކީ އަޅުގަނޑުމެންނާ ގާތް ރަހުމަތްތެރި ގުޅުން އޮންނާނެ ގައުމުތަކެއް،" މުއިއްޒު ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ދިވެހިންނަށް ދިވެހިންގެ ގައުމުގެ މިނިވަންކަން ހިމާޔަތް ކުރެވެންޖެހޭނެ ކަމަށާއި އެހެން ގައުމުތަކުން އެކަމަށް އިހްތިރާމުވެސް ކުރަންޖެހޭނެ ކަމަށެވެ.