ދައުލަތްތަކުން ނޫސްވެރިންނާ ދެކޮޅަށް ޖާސޫސީ ސޮފްޓްވެއާ (ސްޕައިވެއާ) ބޭނުންކުރުން ޔޫރަޕިއަން ޔޫނިއަންގައި މަނާކުރާނެ ކަމަށް ހީކުރެވިފައި އޮތް އޮތުން ނިމުމަކަށް އަތުވެއްޖެ ކަމަށް ހަރަކާތެރިން ބުނެފި އެވެ.
ނޫސްވެރިންގެ ފޯނުތަކަށް ވަގަށް ސްޕައިވެއާ އަޅައި ދައުލަތްތަކުން ޖާސޫސްކުރުން ހުއްޓާލުމަށް ގޮވާލައި ވަކާލާތުކުރާ ޖަމާއަތްތަކުން ބުނާ ގޮތުން، ޔޫރަޕިއަން ޔޫނިއަންގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން މިހާރު ތިބީ އެކަން ހުއްޓުވާ ގޮތަކަށް ނޫނެވެ.
ޔޫރަޕްގެ ގައުމުތަކުގައި އެއް ގަވާއިދަކުން އަމަލުކުރަން އެކުލަވާލައި ޔޫރަޕިއަން ޕާލަމެންޓްގައި ބަހުސަށް ފޮނުވާފައި އޮތް ލިޔުމެއް ބުނާ ގޮތުން ދައުލަތުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ނޫސްވެރިން ނުވަތަ އަމާޒުކުރެވޭ ވަކި މީހެއްގެ ފޯނަށާއި ކޮމްޕިއުޓަރު ފަދަ އާލާތަކަށް ސްޕްއިވެއާ އެޅިދާނެ އެވެ.
މިއީ 2022 ގައި ޔޫރަޕިއަން ޔޫނިއަންގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅިފައި އޮތް މައުލޫއެކެވެ. މި މާއްދާގެ ރޫހަކީ ނޫސްވެރިންނާ ދެކޮޅަށް ޖާސޫސްކުރުން ހުއްޓުވުމެވެ. އޭރު ބަހުސްކުރެވުނީ ނޫސްވެރިން ހިމާޔަތްކުރެވޭ ގޮތަށެވެ. ނަމަވެސް މެމްބަރުންގެ ވާހަކަތައް ހުރި ގޮތުން ޖާސޫސީ ސޮފްޓްވެއާ ބޭނުންކުރުން މުޅިން މަނާކުރުމަކީ ޔޫރަޕިއަން ޔޫނިއަންގަައި ނުކުރާނެ ކަމެއް ކަމަށް ހަރަކާތްތެރިން ބުނެ އެވެ.
ގާނޫނު ހަދާ މަޖިލީހުގައި މެމްބަރުން ބޮޑަށް ބަހުސްކުރީ ސްޕައިވެއާއަށް ހައްދެއް ކަނޑައެޅުމެވެ. ނޫސްވެރިންނާ ދެކޮޅަށް ޖާސޫސީ ސޮފްޓްވެއާ ބޭނުންކުރި ނަމަވެސް އެއީ ސިޔާސީ ގޮތުން އެ މީހުންނަށް އަދަބެއް ކަނޑައެޅުމަށް ކުރެވޭ ކަމަކަށް ވެގެން ނުވާނެ ކަމަށް މެމްބަރުން އެއްބަސްވެ އެވެ.
ޖާސޫސީ ސޮފްޓްވެއާ ތަކުގައި ތެރޭގައި ހިމެނޭ ޕެގަސުސް ކަހަލަ ބާރުގަދަ ސޮފްޓްވެއާ ތަކުގެ ސަބަބުން އިލެކްޓްރޯނިކް އާލާތްތައް ބޭނުންކުރަން ހުއްދަކޮށްފައި އޮންނަ މިންގަޑާވެސް ހިލާފުވާ ކަމަށް މެމްބަރުން ބުނެ އެވެ.
ނޫސްވެރިން އަދި ސިޔާސީ ލީޑަރުންނާ ދެކޮޅަށް ޖާސޫސީ ސޮފްޓްވެއާ ބޭނުންކުރަންވާނީ އެހެން އެއްވެސް ގޮތެއް ނެތިއްޖެ ހާލަތެއްގައި ކަމަށްވެސް މެމްބަރުން ދެކެ އެވެ.
މިއީ ޖާސޫސީ ސޮފްޓްވެއާ ބޭނުންކުރުން މުޅިން މަނާކުރުމަށް ވުރެ ރަނގަޅު ގޮތެއް ކަމަށް މެމްބަރުން ދެކެ އެވެ.
މިކަމާ ދެކޮޅަށް ވަކާލާތުކުރާ ހަރަކާތްތެރިން ބުނާ ގޮތުން ކުޑަ ދުލެއް ދީފައި އޮތުމަކީ ވަރަށް ނުރައްކާ ކަމެކެވެ. އެއީ ހުއްދަކުރާ ވަރަށް ވުރެ ބޮޑަށް އެ ހުއްދައެއްގެ ބޭނުން ދައުލަތްތަކުން ހިފާނެތީ އެވެ.