ފިނިޕޭޖް

އޭއައި ބޭނުންކޮށްގެން ހަދާފައިވާ ޓޮމް ހޭންކްސްގެ ފޭކް އިޝްތިހާރެއް ދައުރުވަނީ

ދެފަހަރަށް އެކަޑަމީ އެވޯޑްސް ލިބިފައިވާ ޓޮމް ހޭންކްސް، 67، ގެ ފޭކް އިޝްތިހާރެއް ހަދައިގެން ދައުރު ކުރަމުންދާ ކަމަށް އޭނާ ބުނެފި އެވެ.

ޓޮމް އިންސްތަގްރާމްގައި ކުރި ޕޯސްޓްގައި، އެ ފޭކް ވީޑިއޯގެ ސްނެޕްޝޮޓެއްގައި ލިޔެފައިވަނީ ސަމާލުވުމަށާއި އޭއައި ބޭނުންކޮށްގެން ހަދާފައިވާ އޭނާއާ ގުޅުމެއް ނެތް ވީޑިއޯ ކޮޅެއް އުޅޭ ކަމަށެވެ.

އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) އަކީ ކޮމްޕިއުޓާ ސޮފްޓްވެއާ ނޫނީ މެޝިންގެ ހުރި ވިސްނުމެވެ. އޭއައި ބޭނުންކޮށްގެން އެހެން މީހުންގެ މޫނާއި ހަށިގަނޑާއި އަޑު ނަކަލުކޮށް، އަސްލާ ވަރަށް އެއްގޮތްވާ ގޮތަށް ވީޑިއޯ އަދި އޯޑިއޯ ހަދާ އުޅެ އެވެ. އެގޮތުން މަރުވެފައިވާ ލަވަ ކިއުންތެރިންގެ އަޑުން ލަވަ ހެދުމާއި އެކްޓަރުންނާއި އެކްޓްރެސުންގެ މޫނާއި އަޑު ބޭނުންކޮށްގެން ބައެއް ފިލްމު އަދި އިޝްތިހާރުތައް ހަދަ އެވެ. ސްކްރިޕްޓް ލިޔުން ފަދަ އެހެން ޓެކްނިކަލް މަސައްކަތްތައްވެސް ކުރިއަށްގެންދެ އެވެ.

އޭއައި ތައާރަފްކުރުމާ ގުޅިގެން އޭގެން ރަނގަޅު ކަންތައްތަކަކާއި ނުރަނގަޅު ކަންތައްތައް ދަނީ ހާމަވަމުންނެވެ. ރަނގަޅު ކަންތައްތަކުގެ ތެރޭގައި ބަލިވުން އަދި މަރުވުން ފަދަ ސަބަބަކާ ހުރެ ސީންތައް ޝޫޓް ނުކުރެވިއްޖެ ހިނދުގައި، އޭއައި ބޭނުންކޮށްގެން ބާކީ ސީންތައް ފުރިހަމަ ކުރެވޭނެ އެވެ. ހެރިސަން ފޯޑް ގޮތަށް ދުވަސްވީ އެކްޓަރެއް ޒުވާންކޮށް ފިލްމެއްގައި ދައްކަން ބޭނުންވާ ނަމަވެސް އޭއައި ބޭނުންކުރެވޭނެ އެވެ. މީގެ އިތުރުން ޕްރޮޑިއުސަރުންނަށް ހަރަދު ކުޑަވެސްވެއެވެ.

ނުރަނގަޅު ކަންކަމުގެ ތެރޭގައި އެކްޓަރުންނާއި ލިޔުންތެރިން ފަދަ ޓެކްނިކަލް މީހުންގެ ވަޒީފާތައް ގެއްލުމާއި ކްރިއޭޓިވިޓީ އާއި އޮރިޖިނަލްކަން ދަށްވުމާއި އޭއައި މެދުވެރިކޮށް އުފައްދާ ތަކެތީގެ އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް ނުލިބުން ހިމެނެ އެވެ. މިސާލަކަށް އެކްޓަރުންގެ އޭއައި ވާޝަން ބޭނުންކުރާ ގޮތަކުން އޭނާގެ ބާރު ފޯރުނުވެވޭ ގޮތް ވުމަކީ ބޭއިންސާފެކެވެ. އަދި އެއްމެ ބޮޑު ބިރަކީ އޭއައި ބޭނުންކޮށްގެން "ޑީޕް ފޭކް" ވީޑިއޯ ހަދައި، މަކަރާއި ހީލަތުގެ ޖަރީމާތައް ހިންގުން ގިނަވުމެވެ. ޓޮމްގެ އޭއައި ވީޑިއޯއަކީވެސް މިފަދަ ވީޑިއޯ އެކެވެ.

ޓޮމް އަކީ ހޮލީވުޑްގައި އޭއައި ބޭނުންކުރަން ފެށުން އިތުރުވުމުން ހުރި ނުރައްކާތަކާ ބެހޭގޮތުން ވާހަކަ ދައްކާފައިވާ މީހެކެވެ.