ވޯލްޑް ބޭންކް

2026ގެ ދަރަނީގެ އަސަރު ޕްރައިވެޓް ސެކްޓަރަށް ކުރާނެ

ރާއްޖެއިން 2026 ވަނަ އަހަރު ދައްކަން ޖެހޭ ބޮޑު ދަރަނީގެ އަސަރު ރާއްޖޭގެ ޕްރައިވެޓް ސެކްޓަރުތަކަށް ކުރާނެ ކަމަށް ވޯލްޑް ބޭންކް އިން ލަފާކޮށްފި އެވެ.

ސައުތު އޭޝިއަން ރީޖަންގެ މާލީ ހާލަތާ ގުޅޭ ގޮތުން ވޯލްޑް ބޭންކުން ނެރުނު ރިޕޯޓްގައިވާ ގޮތުން 2026 ވަނަ އަހަރު ރާއްޖެއިން ދަރަނީގެ ގޮތުގައި އެއްފަހަރާ ދައްކަން ޖެހޭ ބޮޑު އަދަދުގެ ސަބަބުން، ބޭނުންވާ އަދަދަށް ފައިސާ ހޯދުމަށް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހޭނެ އެވެ.

ޕްރައިވެޓް ސެކްޓަރަށް މިކަމުގެ އެހާ ބޮޑު އަސަރެއް ކުރާ އެއް ސަބަބަކީ ރާއްޖޭގައި ހުރި ބޭރު ފައިސާގެ ރިޒާވް މަދުވުން ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ.

ރާއްޖެއިން 2026 ވަނަ އަހަރު ދައްކަންޖެހޭ ދަރަނީގެ ތެރޭގައި 2021 ވަނަ އަހަރު ސަރުކާރުން ނެގި 500 މިލިއަން ޑޮލަރު -- 7.7 ބިލިއަން ރުފިޔާގެ ސުކޫކް ހިމެނެ އެވެ.

މީގެ އިތުރުން ކުރީގެ ސަރުކާރުން އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޑް ފަންޑް -- އޭޑީއެފްޑީ އިން ނެގި 100 މިލިއަން ޑޮލަރު -- 1.5 ބިލިއަން ރުފިޔާގެ ލޯނުވެސް ދައްކަން ޖެހެނީ 2026 ވަނަ އަހަރު އެވެ.