ޑރ. މުހައްމަދު މުއިއްޒު

މުއިއްޒުގެ ސަރުކާރަށް އެހީވާނަން: ސައުދި އަރަބިއްޔާ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިންތިހާބީ ރައީސްގެ ނައިބް ހުސައިން މުހައްމަދު ލަތީފް، ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސައުދީ ސަފީރު މަތްރެކް ބިން އަބްދުﷲ އަލްއަޖާލީން އަލްދައުސަރީ އާއި ބައްދަލުކުރައްވައިފި އެވެ.

އިންތިހާބީ ރައީސްގެ އަމިއްލަ ގެކޮޅު -- މ. ދިމްޔާތުގައި މިއަދު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި ދެކެވުނީ ދެ ފަރާތުންވެސް ދިގު މުއްދަތަކަށް އެކުވެރިކަމާއި އެއްބާރުލުން ދިނުމާއި މެދު ވިސްނާ، ދެ ގައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަގުތައް ހޯދުމާ ބެހޭ ގޮތުންނެވެ.

މީގެ އިތުރުން އައު ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިވެ ދެއްވާނެކަމުގެ ޔަގީންކަން ސައުދީ އަރަބިއްޔާއިން ވަނީ ދެއްވާފަ އެވެ. ސައުދީ ސަފީރު ވިދާޅުވި ގޮތުގައި ދިވެހިރާއްޖެއާއި ސައުދީ އަކީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ގުޅިފައިވާ ދެ ގައުމުކަން ފާހަގަކުރެއްވި އެވެ.

މި ގުޅުންތައް އިތުރަށް ބަދަހިކުރުމަށްޓަކައި ދެ ފަރާތުން ގުޅިގެން ކުރެވެންހުރި ހުރިހާ މަސައްކަތްތަކަށާއި، ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ސައުދީ ސަފީރު ވަނީ ދެއްވާފަ އެވެ.