ހަބަރު

އދ. ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ރާއްޖެ ވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި އދ. ގެ އެސިސްޓެންޓް ސެކެރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއާޒް މިރޮސްލޭވް ޖެންކާ ރާއްޖެ ވަޑައިގެންފި އެވެ. މިރޮސްލޭވް ޖެންކާ ރާއްޖެ ވަޑައިގަތީ މިއަދު އެވެ. މިރޮސްލޭވް ޖެންކާއަށް އެއާޕޯޓުން މަރުހަބާ ދެންނެވީ، ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ.

ފޮރިން މިނިސްޓްރީ ބުނެފައިވާ ގޮތުގައި ޖެންކާ ރާއްޖެ ވަޑައިގަންނަވާ ދަތުރުފުޅަކީ، ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އެހެން ނަމަވެސް އެ ދަތުރުފުޅާ ގުޅޭ އިތުރު މައުލޫމާތެއް ސަރުކާރުން ދީފައެއް އަދި ނުވެ އެވެ. އަދި އެ ދަތުރުގެ މަގުސަދެއް ވެސް ބުނެފައެއް ނުވެ އެވެ. މިރޮސްލޯވް އެސިސްޓެންޓް ސެކްރެޓަރީއެއްގެ މަގާމާ ހަވާލުވީ، 2015 ވަނަ އަހަރުގެ މާޗް މަހު އެވެ.

މިފަހުން އީޔޫ ޕާލިމަންޓްގެ ވަފްދަކާއި އާއި ކޮމަންވެލްތްގެ ވަފުދެއް ރާއްޖެ ވަޑައިގެންފައިވެ އެވެ. އަދި މީގެ އިތުރަށް، ބްރިޓިޝް-މޯލްޑިވްސް އިންޓަޕާލިމަންޓްރީ ކޮމިޝަންގެ ވަފުދެއް ވެސް ރާއްޖެ ވަޑައިގެންފައިވެ އެވެ.