ފޮރިން މިނިސްޓްރީ

ފަލަސްތީނާ އެކު ސާބިތުވެ އޮންނާނެ: ދިވެހި ސަރުކާރު

ފަލަސްތީނާ އެކު އަބަދުވެސް ސާބިތުވެ އޮންނާނެ ކަމުގައި ދިވެހި ސަރުކާރުން ބުނެފި އެވެ.

ދިވެހި ސަރުކާރުން ފަލަސްތީނުގެ ދިފާއުގައި ވާހަކަދައްކާފައި މިވަނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން މިއަދު ކުއްލި ގޮތަކަށް އިޒްރޭލަށް ރޮކެޓް ހަމަލާތަކެއްދީ އެ ގައުމަށް ބޮޑެތި ގެއްލުންތަކެއްދީ އެތައް ބަޔަކު މަރާލާފައި ވަނިކޮށެވެ.

ދިވެހި ސަރުކާރުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އަބަދުވެސް ފަލަސްތީނާ އެކު ތިބޭނެ ކަމަށެވެ. އިޒުރޭލުން ފަލަސްތީނުގެ ބިންތައް ހިފައި އަތްގަދަކޮށްފައިވަނީ ބައިނަލްއަގްވާމީ ގާނޫނޫތަކާއި ގަރާރުތަކާ ހިލާފަށް ކަމަށްވެސް ބަޔާނުގައިވެ އެވެ.

ފަލަސްތީނާއި އިޒުރޭލުގެ މައްސަލައަށް ހައްލު ލިބޭނީ 1967 ގައި ކަނޑައަޅާފައިވާ ގޮތަށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ހުރިހާ ފަރާތްތަކަކުން ބަލައިގަނެގެން ކަމަށްވެސް ބަޔާނުގައިވެ އެވެ.

ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނަކީ އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ލޯތްބާއި އިހްތިރާމާ އެކު ވަކާލާތު ކުރާ ބައެކެވެ.