އިންތިގާލީ މަރުހަލާއަށް 15 ޓީމެއް އެކުލަވާލާފައިވާ ކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ފިރުޒުލް ވިދާޅުވީ އިންތިގާލީ މަރުހަލާއަށް 15 ޓީމެއް އެކުލަވާލާފައިވާ ކަމަށާއި އިއްޔެގެ ވަގުތެއްގައި ޓީމުތަކަށް ހާއްސަ ތަމްރީންތަކެއްވެސް ދީފައިވާ ކަމަށެވެ.
ފިރުުޒުލް ވިދާޅުވީ މުއައްސަސާތަކާއި ބައްދަލުކުރުމަށްފަހު އެއްވެސް ޓީމަކުން މީޑިއާއަށް އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރަން އަންގާފައިވާނެ ކަމަށެވެ. ނަމަވެސް ކޮންމެ ދުވަހެއްގެ ހެނދުނު 11:00 ޖަހާއިރު ޓީމުތަކުގެ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާ ކުރެއްވުމަށް އޭނާ ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
"15 ޓީމެއް ވާނީ އެކުލެވިފައި. ޓީމްތަކަށް ވާނީ ހާއްސަ ތަމްރީނުތަކެއް ދެވިފައި. ހުރިހާ ބޭފުޅުން ވެސް ވަނީ ތަމްރީނުތައް ފުރިހަމަ ކޮށްފައި." އޭނާ ވިދާޅުވި އެވެ.
ފިރުޒުލް އިތުރަށް ވިދާޅުވީ އިންތިގާލީ މަރުހަލާގެ އަމަލީ މަސައްކަތްތަައް މިއަދު ފެށިގެންދާއިރު މުއައްސަސާތަކާއި، އިދާރާތަކަށް ޒިޔާރަތް ކުރުމުގައި ވަކި ތަރުތީބެއް ނުގެންގުޅުއްވާނެ ކަމަށެވެ. އަދި ކޮންމެ ޓީމަކުންވެސް ބަލާނީ އެ ޓީމަކާ ހަވާލުކުރެވިފައިވާ މެންޑޭޓްގެ ތެރެއިން ވީހާވެސް އަވަހަަށް މަސައްކަތް ނިންމުމަށް ކަމުގައި ވިދާޅުވި އެވެ. އަދި ވިދާޅުވީ މައުލޫމާތުތަކާއި މެދު ފަރުވާތެރިވުމަށް ޓީމުތަކަށް ތަކުރާރުކޮށް އަންގާފައިވާނެ ކަމަށެވެ.
ފިރުޒުލް ވިދާޅުވީ އިންތިހާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރާއްޖެއާއި ހާރިޖީ ގުޅުން އޮންނަ ވަރަށް ގިނަ ގައުމުތަކުގެ މަންދޫބުންނަށް ދައުވަތު ދެއްވާފައިވާ ކަމަށާއި އަދިވެސް އިތުރު ބޭފުޅުންނަށް ދައުވަތު ދެމުންދާ ކަމަށެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަމުގައި ޓެލެގްރާމް މެސެޖްތަކެއް ކުރާކަން ފާހަގަވާ ކަމަށްވެސް ފިރުޒުލް ވަނީ ވިދާޅުވެފަ އެވެ. އެއީ އިންތިހާބީ ރައީސް ކުރައްވާ ކަމަކަށް ނުވާތީ މިކަމަށް ރައްޔިތުން ސަމާލުވެ ތިބުމަށްވެސް ފިރުޒުލް ވަނީ އެދިވަޑައިގެންފަ އެވެ.