އެމްޑީޕީ

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމައިފި އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިއަދު ބޭއްވި ބައްދަލުވުމެއްގައި މި ނިންމުން ނިންމީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ މީގެކުރިން މިދިޔަ ޖޫން މަހުގެ ތެރޭގައިވެސް މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ތާއީދު ރައީސް ސޯލިހަށް ހޯދުމަށް މަގުފަހިކުރުމަށްޓަކައި އެމްޑީޕީން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުން ވިދާޅުވި ގޮތުގައި ރައީސް ނަޝީދުގެ މައްސަލަ އަލުން މަޖިލީހަށް ހުށަހަޅަނީ އެމްޑީޕީ އިދިކޮޅު ޕާޓީއަކަށް ވެގެންދާއިރު ސަރުކާރު ޖަވާބުދާރީކުރުވުން ފަސޭހަކުރުމަށްޓަކައި ކަމަށެވެ.

ނަޝީދު މަގާމުން ވަކިކުރަން މަސައްކަތް ކުރާތީ ދަ ޑިމޮކްރެޓްސް މެންބަރުން ވަނީ ރުޅިގަދަވެ ހިތްހަމަނުޖެހިފަ އެވެ.