އަދާލަތު ޕާޓީ

ފަލަސްތީނުގެ ބިންތައް މިނިވަންކުރަން އަދާލަތުން ގޮވާލައިފި

އިޒުރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތައް މިނިވަން ކުރުމަށް އަދާލަތު ޕާޓީން ގޮވާލާ ގޮވާލުން ތަކުރާރުކޮށްފި އެވެ.

ފަލަސްތީނުގެ ބިންތައް ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ހިފައިގެން އުޅޭ ފަރާތްތަކާއި ފަލަސްތީނުގެ ރައްޔިތުންނާއި ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި މުސްލިމުންނަށް ނަސްރާއި ކާމިޔާބީ މިންވަރުކުރެއްވުމަށްޓަކައި ތާއަބަދު ދުއާ ދެންނެވުމަށް އަދާލަތުން ވަނީ ދިވެހި ރައްޔިތުންނަށް އިލްތިމާސް ކޮށްފަ އެވެ.

އަދާލަތު ޕާޓީން ބުނީ މަސްޖިދުލް އަޤްސާ އަކީ މުސްލިމުންގެ ތިންވަނަ ގިބުލަ ކަމަށްވެފައި އެތަނުގެ ވަށައިގެންވާ ބިމަކީ ހުރުމަތްތެރިވެގެންވާ ބިމަކަށްވާތީ ފަލަސްތީނުގެ ރައްޔިތުންނަށް ދާއިމީ ހައްލެއް ހޯދައި ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

މި ސަބަބުތަކަށްޓަކައި ފަލަސްތީނުގެ ރައްޔިތުންނަށް އަނބުރާ އެ މީހުންގެ ވަޒަނަށް ރުޖޫއަ ވެވޭނެ ގޮތެއް މަގުފަހިކޮށްދިނުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާއެއް ކަމަށާއި އެ ޒިންމާ އަދާކުރުމަށްވެސް އަދާލަތުން ގޮވާލާފައިވެ އެވޗެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ ފަލަސްތީނުގެ މައްސަލަ އަކީ މުޅު އުންމަތާއި ގުޅުން ހުރި މައްސަލައެއް ކަމަށެވެ. ފަލަސްތީން ރައްޔިތުން ހާލުގައި ޖެހި މަރުވާން ދޫކޮށްލުމަކީ މުއުމިނުންގެ ސިފައެއް ނޫން ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް މަސައްކަތް ކުރުމަށްވެސް ވަނީ ގޮވާލައްވާފަ އެވެ.