ދުނިޔެ

ޖަރުމަނުން ފަލަސްތީނަށް ދޭ އެހީ ކަނޑާލަން ވިސްނަނީ

ހަމާސް ޖަމާއަތުން ޔަހޫދީންނަށް އަމާޒުކޮށް ހޮނިހިރު ދުވަހު ދޭން ފެށި ހަމަލާތަކުގެ ސަބަބުން ހުޅަނގަށް ގޯސްވީ ފަލަސްތީނެވެ.

ޔޫރަޕްގެ ގައުމުތަކުގެ ނޫސްތަކުގައި ބޮޑެތި ލިޔުންތައް ލިޔެފައިވަނީ ފަލަސްތީންގެ ޓެރަރިސްޓުންގެ އަގަލެއް ނެތް އަމަލުތައް ކުށްވެރިކުރާ ކަމަށް ބުނެ އެވެ.

އެމެރިކާ އަށާއި އިނގިރޭސިވިލާތަށް އަދި ފަރަންސޭސިވިލާތަށާއި ޖަރުމަނަށް ވެސް ގޯސްވީ ފަލަސްތީނެވެ. އެ މީހުންގެ މަދަދާއި ތާއީދު ވެސް އޮތީ ޔަހޫދީ ދައުލަތަށެވެ.

ފަލަސްތީން ބިންތައް އިސްތިއުމާރުކޮށް ޔަހޫދީންނަށް އެ ބިންތަކުގައި ގެދޮރުއަޅައިދީ އާބާދުކުރުމަށް ޔަހޫދީ ދައުލަތުން ކުރާ އެއްވެސް ކަމެއް ހުޅަނގަށް ގޯހެއް ނުވި އެވެ.

ޣައްޒާ އާއި ޔަހޫދީންގެ އިން ވަކިކުރަން ޖަހާފައި ހުރި ވަރުގަދަ ކަށިނަރު ފާރު ވައްޓާލައި ހަމާސްގެ ހަނގުރާމަވެރިން ޔަހޫދީ އާބާދީތަކަށް ވަދެގަތުމާ އެކު އެމެރިކާ ސަރުކާރުން ވަނީ ރޮއިގެންފަ އެވެ.

ޔަހޫދީ ދައުލަތުގެ ހިމާޔަތުގައި ކޮންމެ ކަމެއް ކުރަން ޖެހުނަސް ތައްޔާރު ކަމަށް އެމެރިކާ ސަރުކާރުން ވަނީ ބުނެފަ އެވެ.

ފަލަސްތީންގެ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ޖަރުމަނުން ދެމުންގެންދާ އެހީއާ މެދު ވިސްނާވަޑައިގަތުމަށް އެ ގައުމުގެ ހާރިޖީ ވަޒީރަށް ދަންނަވާނެ ކަމަށް ޖަރުމަނުގެ މާލީ ވަޒީރު، ކްރިސްޓިއަން ލިންޑްނާ އެ ގައުމުގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ވިދާޅުވެފަ އެވެ.

އޭނާގެ ބޭނުމަކީ ފަލަސްތީނަށް ޖަރުމަނުން ދޭ މާލީ އެހީތެރިކަން ހުއްޓާލުމެވެ.

މާލީ ވަޒީރު ނޫހަށް ވިދާޅުވި ގޮތުން ސަރުކާރުން ގޮތެއް ހަމަ ނިންމާއިރަށް ފަލަސްތީނަށް ދޭ އެހީ ހުއްޓާލާނެ އެވެ. އެ ނޫން ގޮތެއްގައި މަދުކުރުމާއި ލަސްކުރުމާ މެދު ވިސްނާވަޑައިގަތުމަށް ހާރިޖީ ވަޒީރަށް ދަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމާސް ޖަމައަތުގެ އަސްކަރީ ގޮފިން ޔަހޫދީންނަށް ދެމުން ގެންދާ ހަމަލާތަކުގައި މަރުވި ޔަހޫދީންގެ އަދަދު 400 އާ ކައިރިކުރާ ކަމަށް ހަބަރުތައް ބުނެ އެވެ.

ހަމާސްގެ ހަނގުރާމަވެރިން ވަނީ ޔަހޫދީ ސިފައިންނާއި ކޮމާންޑަރުން އަދި އާންމުންގެ އެތައް ބަޔަކު އަސީރުކޮށްގެން ޣައްޒާއަށް ގެންގޮސްފަ އެވެ.

ބަދަލުހިފުމަށް ޔަހޫދީ ސިފައިން އެއްގަމާއި ވައިގެ މަގުން ޣައްޒާއަށް ބާރުގަަދަ ހަމަލާތައް ދަނީ ދެމުންނެވެ.