ދުނިޔެ

ޔަހޫދީން ހިމާޔަތްކުރުމަކީ ޖަރުމަނަށް ވާޖިބެއް: ޗާންސެލަރު

ޔަހޫދީންނާ ދެކޮޅަށް ދުނިޔެ އުތުރިގެންފައި އޮތް މި ދަނޑިވަޅުގައި، ޔަހޫދީންނަށް ކަމޭހިތައި އެ މީހުންގެ ހައްގުތައް ހިމާޔަތްކުރުމަކީ ޖަރުމަނުގެ ކޮންމެ ރައްޔިތެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށް އެ ގައުމުގެ ޗާންސެލަރު، އޯލަސް ޝޯލްޒް ވިދާޅުވެއްޖެ އެެވެ.

އޯލަފް ޝޯލްޒް ވިދާޅުވި ގޮތުގައި ޖަރުމަނުގައި ދިރިއުޅޭ ޔަހޫދީއަކަށް އަނިޔާކުރުމަކީ ކުށަކަށް ވެދާނެ އެވެ. ޔަހޫދީއަކަށް އަނިޔާކޮށް ޖެއްސުންކުރުމަކީ ޖަރުމަނުގެ ހުރިހާ ރައްޔިތުންނަށް ކުރާ އަނިޔާއެއް ކަމުގައިވެސް ވިދާޅުވި އެވެ.

ޔަހޫދީ އަސްކަރިއްޔާ އިން ފަލަސްތީންގެ ޣައްޒާއަށް ދެމުން ގެންދާ ފަނާކުރަނިވި ހަމަލާތަކުގައި 9،770 މީހުން މަރުވެފައިވާ ކަމަށް ހަމާސްއިން ހިންގާ ހެލްތު މިނިސްޓްރީން ބުންޏެވެ. މީގެތެރޭގައި 4،800 ކުޑަކުދިންނާއި 2،550 އަންހެނުން ހިމެނޭ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ޔަހޫދީންގެ އަނިޔާވެރި ހަމަލާތައް މުޅި ދުނިޔެއަށް ބޭޒާރުވެ އެމެރިކާ، އިނގިރޭސިވިލާތް އަދި ޔޫރަޕްގެ ގައުމުތަކުގައި ޔަހޫދީންނާ ދެކޮޅަށް ދަނީ އަޑުގަދަކޮށް މުޒާހަރާކުރަމުންނެވެ.

ޣައްޒާއަށް ޔަހޫދީން ދެމުން ގެންދާ ހަމަލާތަކުގެ ނުރުހުން ޖަރުމަނުގެ ޗާންސެރަަށް ވެސް އޮތީ ފޯރާފަ އެވެ.

ޗާންސެލަރު އޯލަފް ޝޯލްޒް މި މޭރުމުން ވާހަކަދެއްކެވި މަގުސަދަކީ ޖަރުމަނުގައި ހަމަނުޖެހުން އިތުރުވިޔަ ނުދެއްވުމެވެ. ނަމަވެސް ސަރުކާރުން ދޭ އިންޒާރަކަށް ނުބަލައި ބައެއް ގައުމުތަގައި އާންމުން ދަނީ ޝުއޫރުފާޅުކުރަމުންނެވެ.

އިނގިރޭސިވިލާތާއި އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ފަލަސްތީނަށް ތާއިދުކުރާ ޝިއާރުތައް ފާޅުކުރުމަކީ މަނާ ކަމެކެވެ. ރޭޑިއޯ ޓިވީތަކުން ކިޔާ ޚަބަރުތަކުގައި ވެސް ހަމްދަރުދީވާން ޖެހެނީ ޔަހޫދީންނަށެވެ.

ޔަހޫދީންނާ މެދު ރުޅިވެރިކަން އުފެދޭ ގޮތަށް އަމަލުތައް ނުބެހެއްޓުމަށް ޖަރުމަނު ސަރުކާރުން ވަނީ އެ ގައުމުގައި ދިރިއުޅޭ މުސްލިމުންނަށްވެސް އިންޒާރު ދީފަ އެވެ.

ޖަރުމަނުގައި ދިރިއުޅޭ މުސްލިމަކު ސޯޝަލްމީޑިއާގައި ކުރާ ޕޯސްޓެއްގެ ސަބަބުން ޔަހޫދީންނާ މެދު ރުޅިވެރިކަން އިތުރުވެ ރައްޔިތުން އުތުރިއެރުމަކީ ވަރަށް ބޮޑު ގޯހަކަށް ވާނެ ކަމަށްވެސް ސަރުކާރުން އޮތީ އިންޒާރު ދީފަ އެވެ.