ރައްޔިތުންގެ މަޖިލިސް

ކޯރަމް ހަމަނުވުމުން ޖަލްސާ ނިންމާލައިފި

ކޯރަމް ހަމަނުވުމާ ގުޅިގެން މިއަދު ބާއްވަން އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމާލައިފި އެވެ.

ކޯރަމް ހަމަނުވާތީ މަޖިލީހުގެ މިއަދުގެ ޖަލްސާ ނުފެށި ނިންމާލިކަން އިއުލާނު ކުރެއްވީ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.

"މިއަދުގެ ޖަލްސާ ފެށުމަށް ބޭނުންވާ ގާނޫނީ އަދަދު، ކޯރަމް ހަމަނުވާތީ އަޅުގަނޑު މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މި ހިސާބުން މި ނިންމާލީ. ވަރަށް ބޮޑަށް ޝުކުރިއްޔާ. ދެން ޖަލްސާ އޮންނާނެ ވަގުތު އަންގާލާނަން،" އީވާ ވިދާޅުވި އެވެ.

ކޯރަމް ހަމަނުވުމުން މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީން ވަނީ އަލުން ހުށަހަޅާފަ އެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ހުށަހެޅީ 48 މެންބަރުންގެ ސޮޔާއެކު އެވެ.

ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ މީގެކުރިން މިދިޔަ ޖޫން މަހުގެ ތެރޭގައިވެސް މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ތާއީދު ރައީސް ސޯލިހަށް ހޯދުމަށް މަގުފަހިކުރުމަށްޓަކައި އެމްޑީޕީން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.