ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
މިމައްސަލަ ހުށަހެޅީ 49 މެންބަރުންގެ ސޮޔާ އެކު އެވެ.
ނަޝީދު ވަކިކުރަން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ އެތައް ބިލެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް މައްސަލަތައް އެޖެންޑާ ކުރުމުގައި ނަޝީދު އިސްކުރައްވަނީ އަމިއްލަ މަސްލަހަތު ކަމަށެވެ. އަދި އެއީ ވަކި ފަރާތަކަށް ބުރަވުން ކަމަށް ސިފަކޮށް ބުނެފައިވަނީ އެއީ މަޖިލީހުގެ ގަވައިދާވެސް ހިލާފަށް ކުރާ ކަމެއް ކަމަށެވެ.
މިގަރާރުގައި ވަނީ ނަޝީދުގެ މައްޗަށް ބައެއް ކަހަލަ ތުހުމަތުވެސް ކޮށްފަ އެވެ. އެގޮތުން މަޖިލީހުގެ ޖަލްސާތައް ގަވައިދާ އެއްގޮތަށް ކުރިއަށް ނުގެންދިއުމާއި މަޖިލީހުގެ ނިޒާމު ގެއްލުވާލަން މަސައްކަތް ކުރައްވާ މެންބަރުން ނަޝީދު ހިތްވަރު ދެއްވާ ކަމަސް ބުނެފައިވެ އެވެ.
ގަރާރުގައި ބުނެފައިވަނީ މަޖިލީހުގެ ޖަލްސާތައް އެތައް ދުވަހަކަށް ރައީސް ނަޝީދު ހުއްޓުވި ކަމަށެވެ. އެކަމަކު އެމަނިކުފާނު މިހާރު ހުންނެވި ޕާޓީ -- ދަ ޑިމޮކްރެޓްސް އާއި ނަޝީދުގެ މަސްލަހަތު ހިމެނެ މައްސަލަތަކެއް އެޖެންޑާކޮށްގެން އަލުން ޖަލްސާތައް ފެއްޓެވި ކަމަށްވެސް ބުނެފައިވެ އެެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު ހުށަހެޅުމާ އެކު މަޖިލީހުގެ އިދާރާ އިން މިހާރު ވަނީ މައްސަލަ ބަލައިގެންފަ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށް ކުރިން ބެލެވިފައިވީ ނަމަވެސް މިއަދުގެ ޖަލްސާގެ ކޯރަމު ހަމަވެފައި ނުވާތީ ޖަލްސާ ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުން ވިދާޅުވި ގޮތުގައި ރައީސް ނަޝީދުގެ މައްސަލަ އަލުން މަޖިލީހަށް ހުށަހަޅަނީ އެމްޑީޕީ އިދިކޮޅު ޕާޓީއަކަށް ވެގެންދާއިރު ސަރުކާރު ޖަވާބުދާރީކުރުވުން ފަސޭހަކުރުމަށްޓަކައި ކަމަށެވެ.
ނަޝީދު މަގާމުން ވަކިކުރަން މަސައްކަތް ކުރާތީ ދަ ޑިމޮކްރެޓްސް މެންބަރުން ވަނީ ރުޅިގަދަވެ ހިތްހަމަނުޖެހިފަ އެވެ.