ދުނިޔެ

ހަނގުރާމަ ދިގުލައިދާނެތީ ޔަހޫދީ ދައުލަތުން އަޔަން ޑޯމް ބާރުގަދަކުރަނީ

ޣައްޒާއިން ފޮނުވާ ދެރަވަރުގެ ދެތިން ރޮކެޓަކީ ވެސް ޔަހޫދީންނަށް ވަރަށް ބޮޑު ބިރެކެވެ. ބިލިއަން ޑޮލަރު ހޭދަކޮށް ޣައްޒާއާ ވީ ފަރާތުގައި ޔަހޫދީން ބަހައްޓާފައި ހުރި މިސައިލުން ދިފާއުވާ ނިޒާމު -- އަޔަން ޑޯމްގެ ބޭނުމަކީ ވެސް މި ރޮކެޓްތައް މަތަކުރުމެވެ.

ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ހަމާސްގެ އަސްކަރީ ގޮފިން ޔަހޫދީންނަށް ދޭން ފެށި ރޮކެޓް ހަމަލާތަކުން ޔަހޫދީން ދިފާއުކުރުމުގައި އަޔަން ޑޯމަށް އެކަށީގެންވާ ދައުރެއް އަދާކުރިވެފައެއް ނުވެ އެވެ.

ޔަހޫދީ ދައުލަތުން މިހާރު ގަބޫލުކުރަނީ އަޔަށް ޑޯމަށް ނުތަކާ ވަރަށް ހަމާސްގެ ގާބިލުކަން އިތުރުވެއްޖެ ކަމަށެެވެ. މިހެންކަމުން ޔަހޫދީންނަށް މިހާރު ޖެހިފައި އޮތް އެންމެ ބުރަ މަސައްކަތަކީ އަޔަށް ޑޯމް ބާރުގަދަ ކުރުމެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަޔަން ޑޯމް ބާރުގަދަކުރަން އެމެރިކާގެ ކިބައިން ޔަހޫދީ ދައުލަތުން މިހާރު ވަނީ އެދިފަ އެވެ.

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ފޯނުކުރައްވައި މިކަމަށް އެދިވަޑައިގެން ކުސްތެޅުއްވި ކަމަށް ހަބަރުތައް ބުނެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ޣައްޒާއިން ފުރަތަމަ ބުރުގައި ޔަހޫދީ އާބާދީތަކަށް ފޮނުވާލި 5،000 ރޮކެޓާ އެކު އެމެރިކާ ތެޅިފޮޅިގަތީ ޔަހޫދީ ދައުލަތުގެ ހިމާޔަތު ގައެވެ. ޔަހުދީން އެދިއްޖެނަމަ ބޭނުން ކޮންމެ އެހީތެރިކަމެއް ދެއްވާނެ ކަމަށް ބައިޑަން ވިދާޅުވި އެވެ.

ޔަހޫދީ ބޮޑުވަޒީރު އެދިވަޑައިގަތް އަނެއް ކަމަކީ ހަމާސްއަށް ޖާސޫސްކުރުމުގެ ގާބިލުކަން އިތުރުކުރުމެވެ.

ލުބުނާންގައި ގާއިމުވެ ތިބޭ ހިޒްބުﷲ އަދި އީރާނަށް ޖާސޫސްކުރެވޭ ވަރަށް ވަސީލަތްތައް ޔަހޫދީ ދައުލަތަށް އެމެރިކާގެ ހަރަދުގައި އިތުރު ކޮށްދެއްވުމަށް އޭނާ ހުށަހެޅުއްވި އެވެ.

ރައްދުގައި އެމެރިކާއިން ބުނީ ހޭވައްލާ ތައްޔާރު ކަމަށެވެ. ޔަހޫދީންގެ ހިމާޔަތުގައި ޣައްޒާ ފުޑާލުމަކީވެސް އެއްވެސް މައްސަލައެއް ނޫން ކަމަށް އެމެރިކާގެ އޮފިޝަލުން ވަނީ ބުނެފަ އެވެ.

ޣައްޒާއަށް ބޮންއަޅަން އެމެރިކާގައި ހުރި އެންމެ ޒަމާނީ ފައިޓަރު ޖެޓުތައް ޔަހޫދީން އަތުޖެހޭ ފަށަށް ފޮނުވައި ދެއްވާނެ ކަމަށްވެސް ބައިޑަން ވިދާޅުވި އެވެ. އަދި ހާޖަތެއް ޖެހިއްޖެނަމަ އަމަލީގޮތުން ހަނގުރާމާގައި ބައިވެރިވެދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.