ފިނިޕޭޖް

ޓޭލާގެ ފިލްމު ނިކުތުމުގެ ކުރިން 100 މިލިއަން ޑޮލަރުގެ ޓިކެޓް ވިއްކައިފި

ގްރެމީ އެވޯޑް ލިބިފައިވާ ޕޮޕް ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ ފިލްމު ރިލީޒްކުރުމުގެ ކުރިން ޓިކެޓް ސޭލްތަކުގެ ރިކޯޑް މުގުރާލައި، ބްލޮކްބަސްޓާއަކަށް ވެއްޖެ އެވެ.

އޭއެމްސީ އިން ބުނިގޮތުގައި މި މަހުގެ 13 ވަނަ ދުވަހު ރިލީޒްކުރާ "ޓޭލާ ސްވިފްޓް ދަ އެރާސް ޓުއާ ކޮންސަޓް" ފިލްމުގެ ވިކުނު އެޑްވާންސް ޓިކެޓްގެ އާމްދަނީ ވަނީ 100 މިލިއަން ޑޮލަރަށް ވުރެ އިތުރުވެފަ އެވެ.

މި ފިލްމު 100 އަށް ވުރެ ގިނަ ގައުމުތަކުގެ ތިއޭޓަރުތަކުގައި އެޅުވުމަށް ހަމަޖެހިފައިވެ އެވެ. މި ފިލްމުގެ ޓިކެޓް ސޭލްސް ވަނީ އެމެރިކާގައި އެއް ދުވަހު އެންމެ ގިނަ އަދަދެއްގެ ޓިކެޓް ވިކުނު ފިލްމްގެ ރިކޯޑް މުގުރާލާފަ އެވެ.

ބޮކްސް އޮފީހުގެ އެނެލިޓިކްސް އިން ލަފާކޮށްފައިވަނީ މި ފިލްމު އަޅުވާ ފުރަތަމަ ހަފްތާ ބަންދުގައި 100 މިލިއަން ޑޮލަރާއި 125 މިލިއަން ޑޮލަރު ލިބިދާނެ ކަމަށެވެ.

"ޓޭލާ ސްވިފްޓް ދަ އެރާސް ޓުއާ ކޮންސަޓް" ގައި ފެންނާނީ ޓޭލާގެ ރިކޯޑްތައް މުގުރާލާފައިވާ އެރާސް ޓުއާގައި އޭނާގެ ތަޖުރިބާ އެވެ.

ޓޭލާ ސްވިޓަކީ އެއް ދުވަހެއް އެންމެ ގިނަ ޓިކެޓް ވިއްކައިގެން ވެސް ރެކޯޑް ހަދާފައިވާ ފަންނާނެކެވެ. މި ރިކޯޑް އޭނާ ހަދާފައިވަނީ 2.4 މިލިއަނަށްވުރެ ގިނަ ޓިކެޓް ވިއްކައިގެންނެވެ. އަދި އެއް އާޓިސްޓެއްގެ ހަތަރު އަލްބަމް އެއްފަހަރާ ބިލްބޯޑްގެ ޓޮޕް 10 އަށް އެރި ފުރަތަމަ އަންހެން ލަވަކިޔުންތެރިޔާގެ ރެކޯޑްވެސް އޮތީ ޓޭލާގެ އަތުގައެވެ.

ޓޭލާގެ އޭރާސް ޓުއާ އަދިވެސް ކުރިއަށް އެބަދެ އެވެ. މިއަހަރުގެ މާޗް 17 ވަނަ ދުވަހު ފެށި ޓުއާ ނިންމާލުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޮގަސްޓް 17 ވަނަ ދުވަހު އެވެ.