އަރަބިއްޔާ ސްކޫލުގެ ބައެއް ދަރިވަރުން ޔުނީފޯމާ އެކު މޫނު ބުރުގާ އަޅާތީ އެކަން ނުކުރަން އެޑިޔުކޭޝަން މިނިސްޓްރީ އާއި ސްކޫލުން އެންގުމާ ގުޅިގެން އެ އެންގުން ހުއްޓުވައި ދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް އެ ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.
ސިވިލް ކޯޓުގެ ނިންމުމަށް ހައިކޯޓުން މިއަދު ތާއީދުކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ސަލީމުގެ އިތުރުން ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އިއްތިފާގުންނެވެ.
ހައިކޯޓުގެ ނިންމުމުގައި ވަނީ ދަށު ކޯޓުގެ ވަގުތީ އަމުރު ބާތިލްކުރަންޖެހޭ ފަދަ ގާނޫނީ ސަބަބެއް ފާހަގަވާން ނެތް ކަމަށެވެ.
އަރަބިއްޔާގެ ބެލެނިވެރިންގެ ފަރާތުން މިދިޔަ އޭޕްރީލް މަހުގެ ދެވަނަ ދުވަހު ސިވިލް ކޯޓަށް މިމައްސަލަ ހުށަހެޅީ ރެހެންދި ޗޭމްބާސް ލޯފާމުންނެވެ.
މައްސަލަ ކޯޓަށް ހުށަހެޅީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ތައުލީމުގެ ގާނޫނުނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ އަދި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފަށް މޫނު ބުރުގާ ނަގަން އަންގާފައިވާ ކަމަށް ބުނެ އެވެ.
ކޯޓުން މިމައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަންދެން މޫނު ބުރުގާ އަޅާ ކުދިންނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގަން އެޑިޔުކޭޝަން މިނިސްޓްރީއާއި އަރަބިއްޔާ ސްކޫލްގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް ހުށަހަޅާފައިވެ އެވެ.
ސިވިލް ކޯޓުން މިދިޔަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު ނިންމި ނިންމުމުގައި ބުނެފައިވަނީ އެޑިޔުކޭޝަން މިނިސްޓްރީއާއި އަރަބިއްޔާ ސްކޫލުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް މިމައްސަލައިގައި އެދިފައިވީ ނަމަވެސް ވަގުތީ އަމުރަށް އެދިފައިވަނީ އެފަދަ އަމުރަކަށް އެދުމުގެ ހައިސިއްޔަތު އޮތް ބައެއް ކަމަށް ލިޔެކިޔުންތަކުން އެނގެން ނެތް ކަމަށެވެ.
ދައުވާ ހުށަހެޅި ފަރާތުން ކޯޓަށް މައްސަަލަ ހުށަހެޅީ ދަރިވަރުންގެ ފަރާތުން ކަމަށް ބުނެފައިވަނީ ނަމަވެސް މައްސަލައިގައި ބުނާ ދަރިވަރުންނަކީ ކޮބައިކަމާއި އެ ކުދިން އަރަބިއްޔާގައި ތައުލީމު ހާސިލްކުރަނީ ކޮން ގްރޭޑެއްގައިކަން އެނގޭނެ އެއްވެސް މައުލޫމާތެއް ނެތް ކަމަށްވެސް ކޯޓުގެ ނިންމުމުގައިވެ އެވެ.
އަރަބިއްޔާގެ ދަރިވަރުންގެ ތެރެއިން މޫނު ބުރުގާ އަޅާ ދަރިވަރުން މޫނު ބުރުގާ އަޅަނީ ސްކޫލު ޔުނީފޯމު ކޯޑާއި ހިލާފަށް ކަމަށްވީ ނަމަވެސް ތައުލީމު ލިބުމުގެ ހައްގުން އެ ކުދިން މަހްރޫމްކޮށްފައި ނެތްކަން މައްސަލަ ހުށަހެޅި ފަރާތާއި ދައުލަތުގެ ބަހުން އެނގޭ ކަމަށްވެސް ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދާގެ ނިންމުމުގައިވެ އެެވެ.
ވަގުތީ އަމުރަކަށް އެދިފައިވަނީ ފޫނުބެއްދޭ ވަރުގެއް ގެއްލުމެއް އެ ކުދިންނަށް ލިބޭނެކަން ބަޔާންކޮށް ކަމަށްވާއިރު, އާދައިގެ އިޖުރާއަތްތަކާ އެއްގޮތަށް މައްސަލަ ނިންމި ކަމުގައިވީ ނަމަވެސް ވަގުތީ އަމުރަށް އެދުނު ފަރާތަށް ފޫނުބެއްދޭ ވަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ނުދެކޭ ކަމަށް ސިވިލް ކޯޓުގެ ނިންމުމުގައިވެ އެވެ.
ސްކޫލު ޔުނީފޯމު ކޯޑުގައި މޫނު ބުރުގާ ނުހިމެނޭތީ ޔުނީފޯމު ކޯޑާ އެއްގޮތަށް އަމަލުކުރަން ބެލެނިވެރިންނަށް އަންގައިދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީން އަރަބިއްޔާ ސްކޫލަށް އެންގީ މިދިޔަ ޑިސެމްބަރު 28 ވަނަ ދުވަހު އެވެ.
ހުރިހާ އަންހެން ދަރިވަރުން ބުރުގާ އަޅާ އަރަބިއްޔާ ސްކޫލުގައި މޫނު ބުރުގާ އަޅާ 10 ވަރަކަށް ކުދިން އުޅެ އެވެ.
މިނިސްޓްރީގެ އެންގުން ތަންފީޒުކުރުމުގެ ގޮތުން ސްކޫލުން ވަނީ މޫނު ބުރުގާ އަޅާ ކުދިންނާއި އެކުދިންގެ މައިންބަފައިންނާ ބައްދަލުކޮށް މިނިސްޓްރީގެ އެންގުން ބުނެދީފަ އެވެ. މޫނު ބުރުގާ އަޅާ މުދައްރިސުން ކުލާހުގެ ގަޑީގައި މޫނު ބުރުގާ ނޭޅުމަށްވެސް މިނިސްޓްރީން އަންގާފައިވެ އެވެ.
އަވަސްއަށް މީގެކުރިން މައުލޫމާތު ދިން އަރަބިއްޔާގެ ބައެއް ބެލެނިވެރިން ބުނީ އިސްލާމީ ގައުމެއްގައި މޫނު ބުރުގާ ނަގަން މިނިސްޓްރީއަށް ނޭންގޭނެ ކަމަށެވެ. އަދި މޫނު ބުރުގާ އަޅާ ބައެއް ކުދިންނަށް މަޖުބޫރުވާ ގޮތަށް ސްކޫލުން ބައެއް ޓީޗަރުން ކުދިންނާ ވާހަކަދައްކާ ކަމަށްވެސް ބައެއް ބެލެނިވެރިން އޭރު ބުންޏެވެ.
އަރަބިއްޔާގެ ސްކޫލުގެ ޔުނީފޯމު ކޯޑުގައި އަންހެން ކުދިންނަށް ހިމެނެނީ ހެދުން، ސްކާޓް، ބުރުގާ އަދި ހަރުވާޅެވެ. ފިރިހެން ކުދިންގެ ޔުނީފޯމު ކޯޑުގައި ހިމެނެނީ ގަމީހާއި ފަޓްލޫނެވެ.
މިސްރުގެ އަލް އަޒްހަރު ޔުނިވަސިޓީގެ އެހީގައި ރާއްޖޭގައި އުފައްދާ ކިޔަވައިދޭން ފެށި އަރަބިއްޔާ ސްކޫލުގެ ކޮންމެވެސް މައްސަލައެއް އަބަދުވެސް ފެންމަތިވެފައި އޮވެ އެވެ. މިފަހުން އެންމެ ބޮޑަށް ހޫނުވީ އަރަބިއްޔާގެ ދަރިވަރުން ކިޔަވާނެ އިމާރާތެއްގެ މައްސަލަ އެވެ. މިހާރުވެސް ދަރިވަރުން ކިޔަވަނީ ވަގުތީ އިމާރާތެއްގަ އެވެ.