ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ފަރިތަކުރުންތައް މިއަދު ފަށައިފި އެވެ.
ވިކްޓަރީގެ ޕްރެކްޓިސް ފެށީ އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު އަދި މާޒިޔާގެ ކޯޗު އަލީ ސުޒޭންގެ ކޮއްކޮ މުހައްމަދު ނަޒީހުގެ އިރުޝާދުގެ ދަށުންނެވެ. މިދިޔަ އަހަރު ޔުނައިޓެޑް ވިކްޓަރީ ފުރަތަމަ ޑިވިޝަނަށް ކޮލިފައިކޮށްދިން ނަޒީހު އަކީ ކުރިން ވެސް ވިކްޓަރީގެ ހެޑްކޯޗުގެ ޒިންމާ އަދާކޮށްފައިވާ މީހެކެވެ.
އޭނާގެ އެހީތެރިންނަށް ތިބީ ބޭބެ އަހުމަދު ރިޔާޒް (ގާނާ) އާއި ކުރީގެ ފޯވަޑް އަބުދުލްމުފީދެވެ.
އާ ސީޒަނަށް ވިކްޓަރީގެ ފަރިތަކުރުންތައް ފެށިއިރު ޓީމުގައި މިދިޔަ އަހަރުތިބި ގިނަ ކުޅުންތެރިން މިއަދުގެ ޕްރެކްޓިހުން ފެނުނެވެ. އޭގެ ތެރޭގައި އަލީ ޝަރީފާއި އަހުމަދު މުހައްމަދު (އައްމަޑޭ) އާއި ކީޕަރު ތޮލާލް ހަސަން އާއި އަހުމަދު އިފާޒް އާއި ކެޕްޓަން އިސްމާއީލް ޝަފީއުގެ އިތުރުން އޮސްޓްރިއާގެ ޔޫތު ލީގުގައި ކުޅުނު މަނީއު ރައޫފް ވެސް ޕްރެކްޓިހުގައި ބައިވެރިވި އެވެ.
ވިކްޓަރީ އަކީ އާ ސީޒަނަށް ޕްރެކްޓިސް ފެށި ފަސް ވަނަ ކުލަބެވެ. އެންމެކުރިން މާޒިޔާ އާއި ނިއު ރޭޑިއަންޓް ޕްރެކްޓިސް ފަށާފައިވާއިރު އޭގެ ފަހަތުން ވެލެންސިއާ އާއި ޓީސީ ވެސް ވަނީ ޕްރެކްޓިސް ފަށާފަ އެވެ. ރާއްޖޭގެ އާ ފުޓްބޯޅަ ސީޒަން ފަށާނީ އަންނަ އޭޕްރީލް މަހުގެ މެދުތެރޭގަ އެވެ. ވިކްޓަރީން މިދިޔަ ސީޒަން ނިންމާލީ ދިވެހި ލީގުގެ ފަސް ވަނާގަ އެވެ.