އެޗްޑީސީ

ފުރަތަމަ ކުއާޓަރުގައި އެޗްޑީސީއަށް އާމްދަނީގެ ގޮތުގައި 975 މިލިއަން ރުފިޔާ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން -- އެޗްޑީސީއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 975.9 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް -- ޕީސީބީ އިން އާންމުކުރި މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ކުއާޓަލީ ރިވިއުއަށް ބަލާއިރު މި އަދަދަކީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެޗްޑީސީއަށް އާމްދަނީގެ ގޮތުގައި ލިބުނު 517.86 މިލިއަން ރުފިޔާއަށްވުރެ 458.07 މިލިއަން ރުފިޔާ -- 88 ޕަސަންޓް އިތުރު މިންވަރެކެވެ.

އެޗްޑީސީއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު 453.18 މިލިއަން ރުފިޔާއާ އަޅާބަލާއިރު 115 ޕަސަންޓް އިތުރުވުމެކެވެ.

ޕީސީބީގެ ކުއާޓަލީ ރިވިއު ދައްކާ ގޮތުން އެޗްޑީސީއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހިނގުމުގެ ފައިދާގެ ގޮތުގައި 693.06 މިލިއަން ރުފިޔާ ލިބުނެވެ.

އެޗްޑީސީއަށް ސާފު ފައިދާގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 583.14 މިލިއަން ރުފިޔާ ލިބިފައިވާއިރު މި އަދަދަކީ އޭގެ ކުރީ ކުއާޓަރަށްވުރެ 597.16 މިލިއަން ރުފިޔާ އިތުރުވުމެކެވެ.

މީގެ އިތުރުން މި އަދަދަކީ 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެޗްޑީސީގެ ސާފު ފައިދާއަށްވުރެ 278.14 މިލިއަން ރުފިޔާ -- 91 ޕަސަންޓް އިތުރު އަދަދެކެވެ.