ފިނިޕޭޖް

ސްޓީވީ ނިކްސްއަށް ބާބީ ޑޯލްއެއް

ނޮވެމްބަރު 10 ގައި ރިލީޒްކުރާ މި ބުދު މިހާރު ވަނީ ރިލީޒްކުރުމުގެ ކުރިން ވިކި ހުސްވެފަ އެވެ.

މެޓެލް އިން ސްޓީވީގެ ބާބީ ފަރުމާކޮށްފައިވަނީ "ފްލީޓްވުޑް މެކް" އިން 1977 ގައި ނެރުނު އަލްބަމް "ރޫމާޒް"ގެ ކަވާ ފޮޓޯ އަށެވެ.

މިފޮޓޯ އެންމެ ގުޅެނީ އެ އަލްބަމްގެ "ރެނަން" ލަވަ އާއެވެ. ސްޓީވީ ވަނީ އޮކްޓޯބަރު އެކެއްގައި މެޑިސަން ސްކުއެއާ ގާޑަންގައި އޮތް ޝޯގައި އެ ބާބީ ދައްކާލާފަ އެވެ.

އޭގައި ސްޓީވީ ލައިގެން ހުންނަނީ ހުޅަނގުގެ ގައުމު ތަކުން ވިޗުން ސިފަ ކުރާ ޒާތުގެ ކަޅުކުލައިގެ ވިހުރުވޭ ޝިފޮން އަތެއް ލާފައިހުރި ހެދުމެކެވެ. އަދި ރީތި ރަންކުލައިގެ އިސްތަށިގަނޑެއް ލާފައި ހުރި އެ ބާބީ ކަޅުކުލައިގެ ކަކުލުން ތިރި ހީލް ބޫޓަކަށް އަރައިގެން ހުރިއިރު، ކަނާއަތަށް ޓެމްބަރިންއެއް ލައްވާފައިވެ އެވެ.

އެ ބާބީގެ ޑިޒައިނަރު -- ބިލް ގްރީނިން ބުނީ ބާބީގެ ހެދުމާއި ބޫޓު ފަރުމާކުރުމަށް ސްޓީވީ އެ ފޮޓޯގައި ލާފައިހުރި ހެދުމާއި އަރާފައިވާ ބޫޓު މެޓެލްއަށް ދިން ކަމަށެވެ. މެޓެލް އިން ބުނީ މި ބުދުގެ އަގަކީ 55 ޑޮލަރު ކަމަށެވެ.

މެޓެލްއިން މީގެކުރިން ވަނީ ސްޓީވީގެ އިތުރުން ގިނަ އަދަދެއްގެ ސެލެބްރިޓީންނާއި ތަރިންނަށް ބާބީ ބުދު ހަދާފަ އެވެ.