ފިނޭންސް މިނިސްޓްރީ

ތަރައްގީގެ މަޝްރޫއުތަކުގެ ބަޖެޓުގެ 97 ޕަސަންޓް ހޭދަކޮށްފި

ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް މިއަހަރުގެ ދައުލަތުގެ ބަޖެޓުން ކަނޑައެޅި އަދަދުގެ 97 ޕަސަންޓް ހޭދަކޮށްފި އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓުގައި މިއަހަރު ކަނޑައެޅީ 8.5 ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީއަށް ކުރި ހަރަދު ވަނީ 8.3 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކަށް މިދިޔަ އަހަރުގެ މި މުއްދަތުގައި 5.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ޕީއެސްއައިޕީއަށް ކުރި ހަރަދު ވަނީ 52 ޕަސަންޓް އިތުރުވެފަ އެވެ.

ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބިން ހިއްކުމުގެ މަޝްރޫއުތަކަށެވެ.

ބިން ހިއްކުމުގެ މަޝްރޫއުތަކަށް 1.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އެއާޕޯޓް މަޝްރޫއުތަކަށް 1.1 ބިލިއަން ރުފިޔާ އަދި ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް އެއް ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

މަގު ހެދުމުގެ މަޝްރޫއުތަކަށް 980 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ހާބަރު މަޝްރޫއުތަކަށް 846 މިލިއަން ރުފިޔާ އަދި ބްރިޖު މަޝްރޫއަށް 688 މިލިއަން ރުފިޔާ ހޭދަކުރި އެވެ.