ޔޫރޯ 2028

ޔޫރޯ 2028 ބާއްވާ ގައުމަކަށް އިނގިރޭސިވިލާތާއި އަޔަލޭންޑް

ޔޫރޯ 2028 ބާއްވާނީ އިނގިރޭސިވިލާތާއި އަޔަލޭންޑުގައި ކަމަށް ޔޫއެފާއިން އިއުލާންކޮށްފި އެެވެ.

ޔޫއެފާ އިން މިކަން އިއުލާން ކުރީ ސްވިޒަލެންޑްގައި ރޭ މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ޔޫރޯ 2028 ބޭއްވުމަށް ތުރުކީ ވެސް ބިޑް ކުރި އެވެ. ނަމަވެސް ފަހު ވަގުތު ތުރުކީ ވަނީ 2028ގެ ބިޑް އަނބުރާ ގެނެސް 2032 ވަނަ އަހަރުގެ ޔޫރޯ މުބާރާތް އިޓަލީއާއި ގުޅިގެން ބޭއްވުމަށް ބިޑްކޮށް އެކަން ކަށަވަރުކޮށްފަ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް ވޭލްސްގެ ޗީފް އެގްޒެކެޓިވް ނޯއެލް މޫނީ ވިދާޅުވީ އިނގިރޭސި ރަސްކަމުގެ ތެރޭގައި ހިމެނޭ ވޭލްސްގެ ގައުމީ ދަނޑުގައި ޔޫރޯ 2028ގެ ފުރަތަމަ މެޗު ބާއްވަން ބޭނުންވާ ކަމަށާއި ނަމަވެސް އެ ނިންމުން ނިންމާނީ ޔޫއެފާ އިން ކަމަށެވެ.

"ވޭލްސްއަށް މުބާރާތް ގެނައުމަކީ އަހަރެމެންނަށް ހާއްސަ ދުވަހެއް. އަހަރެމެން އުއްމީދު ކުރަނީ ހޯސްޓްކޮށްގެން، އަދި ކާޑިފްގައި މިފަދަ ބޮޑެތި މެޗުތައް ބާއްވައިގެން ކުރިން ނުފެންނަ ގޮތަކަށް ވޭލްސް ދުނިޔެއަށް ފެނިގެން ދިއުމަށް" އޭނާ ބުންޏެވެ.

ރިޕަބްލިކް އޮފް އަޔަލޭންޑް، އުތުރު އަޔަލޭންޑް އަދި ވޭލްސްގައި މިހާތަނަށް ބައިނަލްއަގްވާމީ ބޮޑު ފުޓްބޯޅަ މުބާރާތެއް ބާއްވާފައެއް ނުވެ އެވެ.

ޔޫރޯ 2028ގެ މެޗުތައް ތަފާތު 10 ސްޓޭޑިއަމެއްގައި ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. މީގެތެރޭގައި ވެމްބްލީ، ހެމްޕްޑެން ޕާކް، ކާޑިފްގެ ޕްރިންސިޕަލިޓީ ސްޓޭޑިއަމް އަދި ޑަބްލިންގެ އަވީވާ ސްޓޭޑިއަމް ހިމެނެ އެވެ. ބެލްފާސްޓްގެ ކޭސްމަންޓް ޕާކާއި އެވަޓަންގެ ބްރެމްލީ-މޫރް ޑޮކް ސްޓޭޑިއަމް ވެސް ބިޑުގައި ހިމަނާފައިވެ އެވެ.