މާލޭ ސިޓީ ކައުންސިލް

ސުންބުލާގެއަކީ ތަޅާލުމަށް އަންގާފައިވާ ތަނެއް!

މ. ސުންބުލާގޭގެ ބައެއް ވެއްޓުނީ އެ ގެއަކީ ދިރިއުޅެން ރައްކާތެރި ތަނެއް ނޫން ކަމަށް ތަކުރާރުކޮށް އަންގާފައި ވަނިކޮށް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

ބިދޭސީންތަކެއް ދިރިއުޅެމުންދާ ސުންބުލާގޭގެ ބައެއް ރޭގެ ވަގުތެއްގައި ވަނީ ވެއްޓިފަ އެވެ. ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ ތަރުޖަމާން މަރިޔަމް ޝިއުނާ ވިދާޅުވީ ފަރީދީ މަގަށްވާ ގޮތަށް ހުންނަ ސުންބުލާގެ އަކީ ވަރަށް ދުވަސްވީ އިމާރާތަކަށްވާތީ އެ އިމާރާތުގެ ކައިރީ އުޅޭ މީހުންގެ ޝަކުވާ ވެސް ކައުންސިލަށް ލިބޭ ކަމަށެވެ.

ޝިއުނާ ވިދާޅުވީ މިގޭގެ މައްސަލަ ކުރިން ފާހަގަކުރެވުމާ ގުޅިގެން ސިޓީ ކައުންސިލުން ގޮސް އިމާރާތުގެ ހާލަތު ބަލައި އެތަނަކީ ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫން ކަމަށް ގޭގެ ވެރިފަރާތަށް އަންގާފައިވާނެ ކަމަށެވެ. އަދި އަވަހަށް ތަން ހުސްކޮށް ތަޅާލުމަށްވެސް އެދިފައިވާނެ ކަމުގައި ވިދާޅުވި އެވެ.

"އެކަމަކު ގޭގެ ވެރިފަރާތުން މިއެދެނީ ސިޓީ ކައުންސިލުން އެ އިމާރާތް ތަޅާލަދިނުމަށް. އަޅުގަނޑުމެންނަށް އެކަން ކޮށްދެވޭނީ ތަން ހުސްކޮށްފައި ގޭގެ ވެރިފަރާތުން ހަވާލުކުރާ ފަހުން ޕްލޭނިން މިނިސްޓްރީންވެސް ބައެއް ހުއްދަ ލިބިގެން. ތަން ހުސްކޮށްފައި ހަވާލުކުރަން ގޭގެ ވެރިފަރާތުން އެއްބާރުލުން ދީފައެއް ނެތް،" ޝިއުނާ ވިދާޅުވި އެެވެ.


ޝިއުނާ ވިދާޅުވީ ހަތަރު ބުރިއަށް ހަދާފައިވާ ސުންބުލާގެ ފަދަ އިތުރު އިމާރާތްތައް ވެސް ހުސްކުރަން ސިޓީ ކައުންސިލުން އަންގާފައިވާނެ ކަމަށެވެ. ނަމަވެސް މިފަދަ އިމާރާތްތަކުގެ ބައެއް ވެރިންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށްވެސް ޝިއުނާ ވިދާޅުވި އެެވެ.