ފިނިޕޭޖް

ބަޅިނދުގެ ޝޫޓިން ނިންމާލައިފި

ރާއްޖޭގައި މިވަގުތު އެންމެ ގިނަ ފިލްމީ މަސައްކަތްތައް ކުރާ ކުންފުންޏަކީ ޑާކް ރެއިން އެންޓަޓައިންމަންޓެވެ. މި ސްޓޫޑިއޯ އިން ގެންދަނީ އަންނަ އަހަރު ރީތި ގިނަ ފިލްމުތަކެއް ގެނެސްދިނުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ލިސްޓްގައި ހިމެނޭ އެއް ފިލްމަކީ "ބަޅިނދު" އެވެ.

ޒުވާން އުއްމީދީ ޑައިރެކްޓަރު އަހްމަދު ޝިނާން ޑައިރެކްޓް ކުރި ބަޅިނދުގެ ޝޫޓިން ރޭގެ ވަގުތެއްގައި ނިންމާލާފައިވާ ކަމަށް ޑާކް ރެއިން ސްޓޫޑިއޯ އިން ހާމަކުރީ މިއަދު އެވެ.

ހޫދު އިބްރާހީމް ލިޔެފައިވާ ބިރުވެރި ހަގީގީ ވާހަކައެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ބަޅިނދުގައި މުހިއްމު ރޯލުތައް އަދާކުރާ ތަރިންގެ ފޮޓޯތައް ވެސް ޑާކް ރެއިންގެ ސޯޝަލް މީޑިއާ އެކައުންޓްގައި މިއަދު ހާމަކޮށްފައިވެ އެވެ.

ބަޅިނދުގެ ޝޫޓިން އެންމެ ފުރަތަމަ ފެށީ 2019 ވަނަ އަހަރު އެވެ. އެކަމަކު ކޮވިޑް 19ގެ ލޮކްޑައުންއާ އެކު ފިލްމުގެ މަސައްކަތް ހުއްޓި ގިނަ ދުވަސްތަކެއް ވުމާ ގުޅިގެން ބަޅިނދުގެ މަސައްކަތް ނިންމާލާފައި މިވަނީ ފިލްމުގެ ބޮޑު ބައި އަލުން ޝޫޓް ކުރުމަށްފަހު އެވެ.

ބަޅިނދުގެ މައިގަނޑު ތަރިން

  • ނުޒުހަތު ޝުއައިބް (ނުޒޫ)
  • އައިމިނަތު ރަޝްފާ (އާޝާ)
  • އިސްމާއީލް ޖުމައިހް (ޖުމާ)
  • އަލީ އާޒިމް (ދޮންއައްޔަ)
  • މަރިޔަމް މަޖުދާ (މަޖޫ)
  • ޝަރަފް އަބްދުﷲ

ބަޅިނދު އަންނަ އަހަރު އަޅުވާ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް އަދި ވަކި ތާރީހެއް އިއުލާންކޮށްފައެއް ނުވެ އެވެ.

ޑާކް ރެއިން ސްޓޫޑިއޯގެ ފިލްމަކަށް ދެން އެންމެ އަވަހަށް ފެންނާނީ ލޯބީގެ ފިލްމެއް ކަމަށްވާ "ނޮވެމްބަރ" އެވެ. ޑިސެމްބަރު ހަތަރުވަނަ ދުވަހު އަޅުވާ މި ފިލްމަކީ ޑާކް ރެއިން އިން މިއަހަރު ގެނެސްދޭ ތިންވަނަ ފިލްމެވެ.

ޑާކް ރެއިން ސްޓޫޑިއޯ އިން އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭ ފުރަތަމަ ފިލްމަކީ "ފުރޭތަ" އެވެ. މިފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ އަށްވަނަ ދުވަހު އެވެ.