ފިނިޕޭޖް

ޑޭވިޑް ބެކަމްގެ ޑޮކިއުމެންޓަރީއަށް ބޮޑު ތަރުހީބެއް

ނެޓްފްލިކްސް އިން އިނގިރޭސިވިލާތުގެ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްގެ ހަޔާތަށް ޑޮކިއުމެންޓަރީ ސީރީޒެއް ހަދައި ރިލީޒްކޮށްފި އެވެ.

"ބެކަމް" ޑޮކިއުމެންޓަރީ ޑައިރެކްޓްކުރީ އެކަޑަމީ އެވޯޑް ލިބިފައިވާ ޑައިރެކްޓަރު އަދި އެކްޓާ ފިޝާ ސްޓީވަންސް އެވެ.

ފިޝާ މި ޑޮކިއުމެންޓަރީ ހަދާފައިވަނީ އެއް ގަޑިއިރުގެ ހަތަރު އެޕިސޯޑް ހިމެނޭ ގޮތަށެވެ.

މި ޑޮކިއުމެންޓަރީގައި ބެކަމްގެ ގުޅުންތަކަށް ސަމާލުކަން ދެއެވެ. އެގޮތުން އޭނާ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މެނޭޖަރު ސާ އެލެކްސް ފާގަސަންއާ ދެމެދު އޮތް ގުޅުމާއި ބެކަމްގެ އަންހެނުން (ސްޕައިސް ގާލްސް ކުރީގެ މެންބަރު އަދި މިހާރުގެ ފެޝަން ޑިޒައިނަރު) ވިކްޓޯރިއާ އާއި ދެމެދު އޮންނަ ގުޅުންވެސް ގެނެސްދެ އެވެ. އަދި ސްކޫލު ދަރިވަރެއްގެ ގޮތުގައި މެންޗެސްޓާ ޔުނައިޓެޑާ ގުޅި، ފުޓްބޯޅައިގެ ދުނިޔޭގައި ކުރިއަރަމުން ގޮސް ދުނިޔޭގެ އެންމެ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ބެކަމް ހިމެނިގެން ދިޔަ ގޮތް ރީތިކޮށް ގެނެސްފައިވެ އެވެ.

ވިކްޓޯރިއާ އާއި އާއިލާގެ އެހެން މެންބަރުންގެ އިންޓަވިއުތައް ވެސް މި ޑޮކިއުމެންޓަރީގައި ހިމަނާފައިވެ އެވެ. ބެކަމްއާ އެކު ކުރިން ކުޅެފައިވާ ގެރީ ނެވިލް، އޭރިކް ކެންޓޯނާ އަދި ރިއޯ ފާޑިނަންޑްގެ އިންޓަވިއުވެސް ހިމަނާފައިވެ އެވެ.

ބެކަމް އާއި ވިކްޓޯރިއާ ކައިވެނިކުރީ ޖުލައި 4، 1999 ގައެވެ. މި ގުޅުމަށް ހަތަރު ކުދިން ލިބިފައިވެ އެވެ.

ބެކަމް ވަނީ 1998ގެ ފީފާ ވޯލްޑް ކަޕް ފްރާންސްގައި ބޭއްވިއިރު އިނގިރޭސިވިލާތުގެ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ކަންވެސް ކޮށްފަ އެވެ. އަދި މިމުބާރާތުގައި އާޖެންޓީނާއާ އެކު ކުޅުނު ފޯރިގަދަ މެޗެއްގައި ބެކަމް ކުރި ފައުލަކާ އެކު އޭނާއަށް ދެއްކި ރަތް ކާޑާ އެކު ބެކަމް އަށްވެސް އަދި އިނގިރޭސީންނަށް ވެސް އެ މުބާރާތަށް އަލްވަދާއު ކިޔަންޖެހުނެވެ. އެއާ އެކު ދެން ފެނިގެން ދިޔައީ އިނގިރޭސި މީޑިއާ އިން ބެކަމްއަށް ނަފްރަތު އުފައްދާ ކުރި މަސައްކަތެވެ. އެކަމުގެ ތެރޭގައި ބެކަމް ވަނީ ޑިޕްރެޝަނަށް ގޮސް ފަރުވާވެސް ހޯދާފައިވެ އެވެ.

ބެކަމް ބުނީ އޭނާއަށް ވޯލްޑްކަޕްގައި ދިމާވި މައްސަލަތަކުން އަރައިގަތުމަށް އެކުގައި ކުޅުނު ކުޅުންތެރިންގެ ފަރާތުން އެއްބާރުލުން ނުލިބުނު ނަމަވެސް މެނޭޖަރު ފާގަސަންގެ ފަރާތުން ހިތްވަރާއި އެއްބާރުލުން ލިބުނު ކަމަށެވެ. ބެކަމް ފަހުން ވަނީ އިނގިރޭސި ފުޓްބޯޅަ ދޫކޮށް ސްޕޭންގެ ގަދަ ބާރު ރިއާލް މެޑްރިޑަށްވެސް ކުޅެފަ އެވެ. މިބަދަލާ އެކު ބެކަމް، އޭނާގެ އަންހެނުން ވިކްޓޯރިއާއަށް ބޭވަފާތެރިވި ކަމަށްވެސް އަޑުތަކެއް އަރައިގެން ދިޔަ އެވެ. ނަމަވެސް ބެކަމް އެ ތުހުމަތުތައް މިއަދާ ހަމައަށްވެސް ދޮގުކުރެ އެވެ.

ބެކަމް ފުޓްބޯޅަ ކުޅުމުން ރަސްމީކޮށް ރިޓަޔާކުރީ 2013 ގައެވެ. އިތުރު އިންވެސްޓަރުންނާއެކު އޭނާއަކީ އެމެރިކާގެ ފުޓްބޯޅަ ކްލަބް އިންޓާ މައާމީގެ ވެރިޔާ އެވެ. މީގެ އިތުރުން ތަފާތު އެކި ވިޔަފާރިތަކުގައިވެސް ބެކަމުގެ ހިއްސާ އޮވެ އެވެ.

މިމަހުގެ ހަތަރުވަނަ ދުވަހު ރިލީޒްކުރި މި ޑޮކިއުމެންޓަރީގެ ސަބަބުން ބެކަމްގެ ސޯޝަލްމީޑިއާ ފޮލޯވަރުން ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.