ރާއްޖެ ކުޅިވަރު

މާޒިޔާގެ ކެޕްޓަންކަން މި އަހަރު ވެސް އަސަދުﷲ އަށް

މާޒިޔާ ސްޕޯޓްސް ކުލަބުގެ ކެޕްޓަނަކަށް މި އަހަރު ވެސް ފޯވަޑް އަސަދުﷲ އަބުދުﷲ ހަމަޖައްސައިފި އެވެ.

މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު ރޭ ބުނީ އޭނާގެ ޓީމުގެ ކެޕްޓަނަކަށް އަސަދުﷲ އަށް ދީފައިވާއިރު ޓީމުގައި ވައިސް ކެޕްޓަނުންގެ ގޮތުގައި ދެ ކުޅުންތެރިން ތިބޭނެ ކަމަށެވެ.

އެއީ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) އާއި އީގަލްސްގެ ކެޕްޓަންކަންކުރި މިދިޔަ އަހަރު ކުރި އިސްމާއީލް އީސާ (މެސީ) އެވެ. މީގެ ތެރެއިން މެސީ އަކީ ކުރިން ވެސް މާޒިޔާ އަށް ކުޅެ، އަދި ނިމިދިޔަ ސައުތު އޭޝިއަން ގޭމްސްގައި ގައުމީ ޓީމުގެ ކެޕްޓަންކަން ކުރި ކުޅުންތެރިޔާ އެވެ.

މާޒިޔާގެ ކެޕްޓަން އަސަދުﷲ އަކީ އެންމެ ފުރަތަމަ އޭވައިއެލް ޓީމުން ފާހަގަ ކުރެވުނު ކުޅުންތެރިއެކެވެ. އޭނާ މާޒިޔާ އަށް ބަދަލުވީ ދެ ސީޒަނެއްގައި ވެލެންސިއާ އަށް ކުޅުމަފަހު އެވެ. މާޒިޔާ އަށް ބަދަލުވެ 2014 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމާއި ސީޒަނުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ރަންބޫޓު އޭނާ ވަނީ ހޯދައިފަ އެވެ. އަދި މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕުގެ ތަށި މާޒިޔާ ހޯދީ ވެސް އޭނާގެ ކެޕްޓަންކަމުގެ ދަށުގަ އެވެ. ނަމަވެސް އައްޑޫގައި ކުޅުނު ފައިނަލް މެޗު ކާމިޔާބުކުރުމަށްފަހު ތަށި އުފުލާލުމުގެ ފުރުސަތު އޭނާ ދީފައިވަނީ އައްޑު އަށް އުފަން މާޒިޔާގެ އަހުމަދު ނާޝިދު (ނާއްޓޭ) އަށެވެ.

މި ނިންމުމަށް ކޯޗު އަލީ ސުޒޭން ވެސް މިދިޔަ އަހަރު ތައުރީފް ކުރި އެވެ.

"މިއީ އަސަދުﷲ ނިންމި ވަރަށް ފުރިހަމަ ނިންމުމެއް. ކެޕްޓަނެއްގެ ޒިންމާ އޭނާ އަދާކޮށްދީފި. އައްޑު އަތޮޅުގައި މިހާ ގިނަ ދުވަހަށް ފަހު ރާއްޖޭގެ އެންމެ ބޮޑު މުބާރާތް ކުޅެ މާޒިޔާ އަށް ތަށި އުފުލާލަން ލިބުނީމަ ކެޕްޓަނެއްގެ ގޮތުން އަސަދުﷲ އަމިއްލަ އަށް އިސްނަގައިގެން ނާއްޓޭ އަކީ އައްޑޫ ކުޅުންތެރިއަކަށްވީމަ އޭނާ އަށް ތަށި އުފުލާލުމުގެ ފުރުސަތުދިނީމަ މީގެއިން ދައްކައިދެނީ އަސަދުﷲގެ ވެސް ކޮލިޓީ. އަޅުގަނޑު މިނިންމުމަށް އަސަދުﷲ އަށް މަރުހަބާކިޔަން އަދި ޝުކުރު ވެސް އަދާކުރަން،" ނިއު ބަލިކޮށް ތަށި ހޯދި މެޗަށް ފަހު ސުޒޭން ބުންޏެވެ.

މި އަހަރުގެ ފުޓްބޯޅަ ސީޒަން މާޒިޔާ ފަށާނީ އޭއެފްސީ ކަޕުންނެވެ. ފުރަތަމަ މެޗުގައި އަންނަ ބުދަ ދުވަހު އިންޑިޔާގެ މޯހަން ބަގާންއާ ވާދަކުރަން އެ ޓީމު ފުރާނީ މިރޭ އެވެ.